ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ދަ ޕަލްސް“ ޕްރޮގްރާމްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު އައިއިރު މިފްކޯއިން ބޮޑުކަންނެލި ގަތުން އޮތީ ހުއްޓާލާފައި ކަމަށެވެ.
އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެނެސް، އެ ވިޔަފާރީގައި މިފްކޯއިިން ހާސިލުކުރާ ކަންތައްތައް އިތުރު ކުރުމުގެ މަަސައްކަތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
”ބޮޑުކަންނެލ؛ި ވިޔަފާރި ވަރަށް ބޮަށް ޕްރައިވެޓް ސެކްޓަރގެ ތެރޭގައި މި އޮތީ. އެކަމުގައި މަސްވެރިންނަށް ކޮމްޕެޓިޓިވް އެޖެއް ލިބޭނީ ވެސް އަޅުގަނޑު ގަބޫލުުކުރަނީ މިފްކޯ މީގެ ތެރޭގައި ހަރަކާތްތެރި ވެގެން ކަމަށް. އަދި އެންމެ ރަނގަޅު އަގު ދެވޭނީ ވެސް އެ ހިސާބަށް ގެންދެވިގެން ކަމަށް، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވެސް ބައިވެރިވުމާ އެކީގައި“ – ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ބޮޑުކަންނެލީގެ ވިޔަފާރީގައި މިފްކޯ ހަރަކާތްތެރިވާނަމަ ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދުމަކީ ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ. ފާހަގަކޮށްޖެހޭ ގޮތުގައި މި ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބޮޑުކަންނެލި ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.












