މި ރަމަޟާން މަހުގެ ފަހު 10 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހުޅުވިފައި ހުންނާނެ ގަޑިތައް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރަމަޟާން މަހުގެ ފަހު 10 ގައި ކަސްޓަމަރ ސަރވިސް ކައުންޓަރާއި މައުލޫމާތު ކައުންޓަރުން ހިދުމަތް ދޭނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ މެންދުރު 11:00 އިން ފެށިގެން މެންދުރު ފަހު 1:00 އަށް ކަމަށެވެ.
އެ ކުންފުނީގެ ސޭލްސް ސެންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ އަތޮޅުތަކުގެ އިންޖީނުގެތަކުން ހިދުމަތް ދެމުން ގެންދާނީ އެ ދުވަސްތަކުގެ މެންދުރު 11:00 އިން ފެށިގެން 12:00 އަށް ކަމަށެވެ.
މި އަހަރުގެ ރަަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރައްވަން ނިންމެވީ ރޭ އަޅުކަމަށް ފުރުސަތު ދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމުގައެވެ.