މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި އެޕިސޯޑްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ މުޅި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާ ކުރެއްވުމަށް ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުވެސް އެ މަސައްކަތްތަކުން ކާމިޔާބީތަކެއް ހާސިލުވަމުންދާ ކަމަށެވެ. އެގޮތުން މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމުގެ އިތުރުން، ކުރިމަގުގައި އެއަށްވުރެ މަތީ އަގެއް މަސްވެރިންނަށް ދެވޭނެ މަގު ފަހިކުރުމަކީވެސް އުންމީދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުގެ ބާޒާރުތަކުގައި ދިވެހި މަހަށް ރަނގަޅު އަގު ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އިނގިރޭސިވިލާތުން ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި ވާދަވެރި އަގެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމަށް އޮތް އެންމެ ފަހި ހައްލަކީ ބޮޑުކަންނެލި ގަތުމުގެ ތެރެއަށް މިފްކޯ އަލުން ވެއްދުން ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ބައިވެރިވުމާއެކު ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ މަސައްކަތްތެރިންގެ ތަދުމަޑުކަމަށް ހައްލެއް ގެންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސައިޒު ކުޑަކޮށް، ހިންގުން ހަރުދަނާ ކުރުމުން އޭގެ ހެޔޮ އަސަރު މަސްވެރިކަމުގެ ސިނާޢަތަށާއި ރާއްޖޭގެ އިގްތިސާދަށް ކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ ތެރެއިން މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކަމަށެވެ.












