ފާއިތުވި ދިހަވަރަކަށް އަހަރު އީރާނުން ދިޔައީ ފަލަސްޠީނުގެ ޙައްޤުގައި އެންމެ ވަރުގަދައަށް ވަކާލާތުކުރާ، އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާ އެންމެ ބޮޑު ”ބަޠަލު“ ގެ ގޮތުގައި އަމިއްލަ ނަފްސު މާކެޓްކުރަމުންނެވެ. ނަމަވެސް، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި ތާރީޚީ ”އިސްލާމްއާބާދު މެމޮރެންޑަމް“ އެއްބަސްވުމާއެކު، މުޅި އިސްލާމީ އުންމަތަށް މިއަދު ހިތްދަތި ހަގީގަތެއް މިވަނީ ފާޅުވެފައެވެ. އެއީ، އަމިއްލަ ދައުލަތުގެ ސަލާމަތާއި ވެރިކަން ދެމެހެއްޓުމުގެ ވަގުތު ޖެހުމުން، އީރާނުން ފަލަސްޠީނުގެ މައްސަލަ މަޝްވަރާގެ މޭޒުމަތިން އެއްކޮށް ބާކީކޮށްލިކަމެވެ.
ސުލްޙައިގެ 14 މާއްދާއަށް ފުންކޮށް ބަލާލުމުން، އީރާނުގެ ދެއްކުންތެރި ވާހަކަތަކާއި އެމީހުންގެ ޙަޤީޤީ ސިޔާސަތާ ދެމެދު ހުރި ބޮޑު ފަރަގު ހާމަވެއެވެ. އެއްބަސްވުމުގައި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، އީރާނުގެ ސީދާ ޝީޢީ ޕްރޮކްސީއެއް ކަމަށްވާ ’ހެޒްބޮއްލާ‘ އަށް ރައްކާތެރިކަން ހޯދުމަށް ސާފުކޮށް ލިޔެފައިވާއިރު، ޣައްޒާގެ ސުންނީ މުސްލިމުން ތަޙައްމަލުކުރަމުންދާ ލޭއޮހޮރުވުންތަކާއި، ބަންދުތަކާއި، އިންސާނީ ކާރިސާއާ ބެހޭ އެއްވެސް ވާހަކައެއް ނުވަތަ ޝަރުޠެއް މި އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ.
މިއީ ބައިނަލްއަޤްވާމީ ދިރާސާވެރިންނާއި، ދުނިޔޭގެ ހޭލުންތެރި މުސްލިމުންނަށް މެދުއިރުމަތީގެ ސިޔާސީ ކުޅިގަނޑުގެ ޙަޤީޤަތް ސާފުވެގެންދިޔަ ކަމެކެވެ.
ޤައުމީ މަޞްލަޙަތު އިސްކުރުން: މިއީ ފަލަސްޠީނަށްޓަކައި ކުރި ހަނގުރާމައެއް ނޫން
މި އެއްބަސްވުމުގައި ޣައްޒާ ބާކީކޮށްލި ސަބަބު ދެނެގަނެވޭނީ 2026 ގެ ހަނގުރާމަ ފެށުނު ގޮތަށް ބަލައިގެންނެވެ. އީރާނުން ހަނގުރާމަ ކުރީ ފަލަސްޠީނުގެ ދިފާޢުގައި ކަމަށް ބުނާ ބުނުމަކީ ބޮޑު ކުށްހީއެކެވެ.
– ހަނގުރާމައިގެ އަޞްލު: މިއަހަރުގެ ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުނީ، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނުގެ ނިއުކްލިއަރ ވަޞީލަތްތަކާއި މިސައިލް ނިޒާމުތައް ހަލާކުކޮށްލުމަށް ބޮންއަޅަން ފެށުމުންނެވެ.
– އަމިއްލަ ސަލާމަތް އިސްކުރުން: އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް އަސްކަރީ ބާރު ދެއްކީ ޣައްޒާގައި ހިންގާ ޤަތުލުޢާއްމު ހުއްޓުވާކަށް ނޫނެވެ. އެއީ އަމިއްލަ ވެރިކަމާއި ދައުލަތް ސަލާމަތްކުރުމަށް ކުރި މަސައްކަތެކެވެ. އީރާނުން ދުވަހަކުވެސް ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން މަރަމުންދާތީ، ނުވަތަ ކާބޯތަކެތި ހުއްޓުވާފައިވާތީ އެމެރިކާއާއި އިޒްރޭލަށް ސީދާ ޙަމަލާއެއް ދީފައެއް ނުވެއެވެ.
– 300 ބިލިއަން ޑޮލަރުގެ ޙަޤީޤަތް: މި އެއްބަސްވުމުން އެނގެނީ އީރާނުން ބެލީ އަމިއްލަ ފައިދާއަށެވެ. ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލުގައި އީރާނުން ހޯދީ ތެލުގެ ސަންކްޝަންތައް އުވާލުމާއި 300 ބިލިއަން ޑޮލަރުގެ ބޮޑު އެހީއެކެވެ. މި ހުރިހާ މަންފާއެއް ހޯދިއިރު، ހަމާސްއާއި ޣައްޒާގެ ނިކަމެތި ރައްޔިތުން ތިބީ މި ޑިޕްލޮމެޓިކް ކުޅިގަނޑުން އެއްކޮށް ބާކީކޮށްލާފައެވެ.
ތަޢައްޞުބުން ފުރިގެންވާ ސިޔާސަތު: ހެޒްބޮއާ އާއި ހަމާސްގެ ތަފާތު
ލުބުނާނާ ޣައްޒާއާ މެދު އީރާނުން ގެންގުޅުނު ތަފާތުކުރުންތަކުން ހާމަވަނީ އީރާނުގެ ސިޔާސަތުގެ ފަހަތުގައި އޮތް ފިރުޤާބެހުމުގެ (ސެކްޓޭރިއަން) ނުރައްކާތެރިކަމެވެ. އެއްބަސްވުމުގައި ލެބަނަން ހިމެނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ (އައިއާރުޖީސީ) ދަށުން ހިނގާ ޝީޢީ ޖަމާޢަތެއް ކަމަށްވާ ހެޒްބޮއްލާ ސަލާމަތްކުރާށެވެ. ނަމަވެސް، ސުންނީ ޖަމާޢަތެއް ކަމަށްވާ ހަމާސް ވަނީ އިޒްރޭލުގެ ރަހުމެއްނެތް އަސްކަރީ މެޝިނުގެ ކުރިމައްޗަށް އެކަނި ދޫކޮށްލާފައެވެ.
މިއީ އީރާނުން މުސްލިމް އުންމަތް އެއްބައިކުރުމުގެ ބަދަލުގައި، އަމިއްލަ ނުފޫޒު ފެތުރުމަށް މުސްލިމުންގެ ލޭ ބޭނުންކުރާކަމުގެ ހެއްކެކެވެ:
– ސޫރިޔާ: އީރާނުގެ މަދަދުލިބޭ މިލިޝިއާތަކުން ބައްޝާރުލް އަސަދުގެ އަނިޔާވެރި ވެރިކަން ދަމަހައްޓަން ވެގެން، ސޫރިޔާގެ މިލިއަނަކަށްވުރެ ގިނަ ސުންނީ މުސްލިމުން މަރައި، އަނިޔާކޮށް، ގެދޮރުން ބޭރުކޮށްލިއެވެ.
– ޢިރާޤާއި ޔަމަން: ޢިރާޤުގައި އީރާނުގެ ބާރުގެ ދަށުން ހިނގާ ޕެރާމިލިޓަރީ ގްރޫޕްތަކުން (ޕީއެމްއެފް) ދަނީ ސުންނީ އާބާދީތައް ނައްތާލައި ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އަދި ޔަމަނުގައި ހޫޘީންނަށް ހަތިޔާރުދީގެން ދާޚިލީ ހަނގުރާމަ ދިގުދައްމައި، އެތައް މިލިއަން މުސްލިމުންނެއް ވަނީ ބަނޑަށްޖައްސާފައެވެ.
ޚުލާޞާ: ސިޔާސީ ޙަޤީޤަތް ދެނެގަތުން
މުސްލިމް އުންމަތުން އެމެރިކާއާއި އިޒްރޭލުން މެދުއިރުމަތީގައި ހިންގާ ލޭއޮހޮރުވުންތަކާއި އަނިޔާވެރިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހެއެވެ. ނަމަވެސް، ހަމައެއާއެކު ”އުންމަތުގެ ސަލާމަތްތެރިން“ ކަމަށް ހެދިގެން އުޅޭ މީހުންގެ ޙަޤީޤަތްވެސް ހޯދަންޖެހެއެވެ.
އެމެރިކާ-އީރާނު އެއްބަސްވުމަކީ ”ރިއަލްޕޮލިޓިކް“ (އަމިއްލަ ފައިދާއަށް ކަންކަން ނިންމުން) ގެ ލާމަސީލު މިސާލެކެވެ. މީގެއިން އެނގެނީ، އިސްލާމީ ޝަރީޢަތުގެ ތަރަޙައިގެ ބޭރުން، ބައިނަލްއަޤްވާމީ މި ކޮރަޕްޓު ލާދީނީ ނިޒާމުގެ ދަށުގައިވާ ކޮންމެ ދައުލަތަކުންވެސް ބަލާނީ އަމިއްލަ އިޤްތިޞާދާއި، ބާރު ދެމެހެއްޓުމަށެވެ. އީރާނުން އަމިއްލަ ބޯޑަރުތައް ސަލާމަތްކޮށް، އަމިއްލަ ފިރުޤާގެ ބައިވެރިން ރައްކާތެރިކުރީ ޣައްޒާގެ މުސްލިމުން އެއްކޮށް ޤުރުބާންކޮށްލުމަށްފަހުއެވެ.
ދުނިޔޭގެ މުސްލިމުންނަށް މިއީ ޢިބުރަތެކެވެ. ސޫރިޔާ، ޢިރާޤު، އަދި ޔަމަނުގެ މުސްލިމުންގެ ލޭއޮހޮރުވައިލި ބަޔަކު ދައްކާ ސިޔާސީ ދެއްކުންތެރި ވާހަކަތަކަށް ހެއްލި، ފަލަސްޠީނު މިނިވަންކުރަން އެމީހުންނަށް ބަރޯސާވުމަކީ ކޮޅެއްނެތް ފަދަ ބޮޑު ގާފިލުކަމެކެވެ. ސިޔާސީ ހޭލުންތެރިކަމަކީ، ބާރުގަދަ ޤައުމުތަކުގެ ޕްރޮޕަގަންޑާގެ ބަދަލުގައި، ޤުރްއާނާއި ސުންނަތުގެ އަލީގައި އެމީހުންގެ ޙަޤީޤީ ޢަމަލުތައް ހުރިގޮތް ދެނެގަތުމެވެ.




