އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫ، ހިރުދުގަސްދޮށުގެ، ޙަސަން ޢަރީބް (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފެރިދޫ ޕޮލިހާއި މާޅޮހު ޕޮލިސް ގުޅިގެން ޖޫން 11 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ޙަސަން ޢަރީބް ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ފެރިދޫ ބަނދަރުމަތިންނެވެ.
އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި ތިން ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.












