Wednesday, 12 August 2026

Ads by

ސަރުކާރުގެ މާލީ އަދި އިގްތިސޯދީ ފިޔަވަޅުތަކަށް އައިއެމްއެފުގެ ތައުރީފު – އަންނަ އަހަރަށް އުންމީދު ބޮޑު!

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު މުޅި ދުނިޔެއަށްވެސް ދަނީ ކުރަމުންނެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލި ދަތުރުފަތުރަށް އޮތް ގޮންޖެހުންތަކާއެކު އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ އިގްތިސޯދަށް ވަކީން ހާއްސަކޮށް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ. އެގޮތުން ރާއްޖެއަށްވެސް އެކަމުގެ އަސަރު އިންތިހާއަށް ކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ އިސް މަންދޫބު ޕިޔަޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައިގެން, މި މަހުގެ 4 އިން 14 އަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އާޓިކަލް ހަތަރެއްގެ މަޝްވަރާތަކަށްފަހު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އައިއެމްއެފުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު ރާއްޖޭގެ އިޤްތިޞާދު ވަނީ ބޮޑެތި ގޮންޖެހުންތަކަކާއެކުވެސް ކުރިއެރުންތަކެއް ހޯދާފައެވެ. އަދި މިދިޔަ އަހަރު އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ޚަރަދުތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމާއެކު, ބޭރުގެ ޤައުމުތަކުން ލިބުނު މާލީ އެހީތެރިކަމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރުވެފައިވާ ކަމަށް އައިއެމްއެފުން ފާހަގަކޮށްފައިވެއެވެ. މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް, ދައުލަތުން އަންނަނީ ސުކޫކް ބޮންޑާއި އެހެނިހެން ރަސްމީ އަދި އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތައް ގަވާއިދުން ދައްކަމުންކަމަށާއި ނަމަވެސް, ދައުލަތާއި ބޭންކުތަކާ ދެމެދު އޮންނަ މާލީ ގުޅުން ނުވަތަ ސޮވަރިން ބޭންކް ނެކްސަސް ފުޅާވުމުގެ ސަބަބުން ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކަށާއި އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅިދާނެކަމުގެ އިންޒާރު އައިއެމްއެފް އިން ވަނީ ދީފައެވެ. މިއީ މާލީ ނިޒާމުގެ ހަމަޖެހުމަށް އޮތް ރިސްކެއްކަމަށް އެ ފަރާތުން ސިފަކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރާއި ކުރިމަގުގެ އަންދާޒާ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ ނާޒުކު އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރަމުންދާކަން އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން, ބައިނަލްއަޤްވާމީ ފަތުރުވެރިކަން ދަށްވުމާއި ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން, މި އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީގެ ކުރިއެރުން އެއް އިންސައްތައަށް ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް,  އަންނަ އަހަރުން ފެށިގެން އިޤްތިޞާދު އަލުން އިއާދަވެ, މެދު ރާސްތާގައި ކުރިއެރުން ހަތަރު އިންސައްތައަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ. ދަރަނި އަދާކުރުމަށް މިހާރު ލިބިފައިވާ ލުއިތަކާއެކުވެސް, ދައުލަތުގެ ބަޖެޓުގެ ޑެފިސިޓާއި އާންމު ދަރަނި އަދިވެސް ހުރީ ވަރަށް މަތީ ފެންވަރެއްގައެވެ. ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމަކަށްވާއިރު, މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރަށް ފުޅާވެދާނެކަމުގެ ބިރު އެބައޮތްކަންވެސް އައިއެމްއެފްއިން ވަނީ ފާހަގަކޮށްފައެވެ. މިއީ އިޤްތިޞާދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ.

މާލީ ސިޔާސަތުތަކާއި އިސްލާހީ ފިޔަވަޅުތައް

ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށްޓަކައި, މިހާރުން މިހާރަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި ކުޑަކުރުމާއެކު ނާޒުކު ހާލަތުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކުރުންކަމަށް އައިއެމްއެފްގެ ވަފުދުން ވަނީ ލަފާދީފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ ހޯދާނެ އައު މަގުތައް ތަޢާރަފުކުރުން ހިމެނެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ, ދައުލަތުން ދޭ ސަބްސިޑީ ނިޒާމު މުރާޖަޢާކޮށް, ޕްރޮކްސީ މީންސް ޓެސްޓިންގ ފަދަ ޒަމާނީ ނިޒާމުތަކުގެ އެހީގައި ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން, އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިމަގުގައި ސަބްސިޑީއަށް ކުރަންޖެހޭ ބޮޑު ޚަރަދު ކުޑަވެގެންދާނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތަށް އޮތް ބޮޑު މާލީ ރިސްކަކަށްވާތީ, އެ ކުންފުނިތައް ހިންގުން ހަރުދަނާކޮށް, ފާރަވެރިވުން އިތުރުކުރުމަށް އައިއެމްއެފްއިން ވަނީ އިރުޝާދުދީފައެވެ. މިއީ ދައުލަތުގެ ބަޖެޓުގެ އިތުބާރު ހިފެހެއްޓުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

މަނިޓަރީ ސިޔާސަތާއި މާލީ ނިޒާމުގެ ހަމަޖެހުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފްއިން ވަނީ މަރުޙަބާ ކިޔާފައެވެ. މިކަމުގެ ސަބަބުން މާލީ ނިޒާމުގައި ހުރި ފައިސާގެ މިންވަރު ކޮންޓްރޯލްކުރުމަށް މަގުފަހިވާނެއެވެ. އަދި އަލަށް ގެނެވުނު ބޭރު ފައިސާއާބެހޭ ޤާނޫނުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް, ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި މާލީ ނިޒާމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ހަރުދަނާ މެކްރޯއިކޮނޮމިކް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ. ބޭންކިންގ ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމާއި, މަރުކަޒީ ބޭންކުގެ ޤާނޫނުތަކާއި މާލީ ދާއިރާގެ ގަވާއިދުތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަކީ މާލީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ. މިކަންކަމުގެ ސަބަބުން އިޤްތިޞާދީ ކާރިސާތަކުން ސަލާމަތްވުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

ދިގުމުއްދަތުގެ ކުރިއެރުމާއި ސްޓްރަކްޗަރަލް އިސްލާހުތައް

ދިގުމުއްދަތުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި, އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންކަމުގެ ގޮތުގައި އައިއެމްއެފްއިން ފާހަގަކުރިއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތައް ޤާއިމުކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް, އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ އިތުރުން, މޫސުމީ ބަދަލުތަކަށް ސަމާލުކަންދީގެން އިންވެސްޓްމަންޓްތައް ރޭވުމަކީ ބޭރުގެ ހިލޭ އެހީ އާއި ލުއި ލޯނުތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މާލީ ވަޒީރު ޙަސަން ޒަރީރާއި, އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންނާއި އަމިއްލަ ވިޔަފާރިވެރިންނާއެކު ބޭއްވުނު މި ބައްދަލުވުންތަކުގައި ލިބުނު އެއްބާރުލުމަށް އައިއެމްއެފްގެ ވަފުދުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް