މާލޭ ވިޔަފާރި ބަނދަރަށް ކަނޑުމަގުން ގެނައި މުދަލުގެ ތެރޭގައި، ”މިސްޓަރ ޕޮޓޭޓޯ“ ބްރޭންޑްގެ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ބަންދުކޮށްފައި ހުރި ފޮށިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ބަލައި ފާސްކުރި މުދަލުގެ ތެރެއިން، ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގެ ތެރޭގައި ވަރަށް ރޭވުންތެރިކަމާއެކު ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. މީގެ އިތުރުން 27 ވޭޕް ޑިވައިސް ވެސް މި އޮޕަރޭޝަނުގައި ވަނީ އަތުލައިގަނެފައެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު ތަކެތި މިހާރު ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ. އަދި ޤަވާޢިދާ ޚިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 14 އަދި 15 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި. pic.twitter.com/jJv2RN7NQs
— Maldives Customs Service (@CustomsMv) June 16, 2026
ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗާއި، ޤަވާޢިދާ ޚިލާފަށް އެތެރެކުރަން އުޅޭ ތަކެތި ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މިގޮތުން ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރާ މުދާ ޗެކްކުރުމުގެ މަސައްކަތް ކަސްޓަމްސްއިން ދަނީ މެދުނުކެނޑި ކުރަމުންނެވެ.












