ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ޖަލަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާފުށީ ޖަލުގައި ބެގޭޖް ސްކޭނިންގ މެޝިނެއް ބޭނުންކުރަން ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ތަރުތީބު ކުރަމުން އަންނައިރު، އެންމެ މުހިންމު އެއް ކަމަކީ ޖަލަށް ވެއްދޭ ތަކެތި 100 އިންސައްތަ ސްކޭން ކުރެވިގެން ވެއްދޭކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން މިއަދު ގާއިމް ކުރެވިގެން ދިޔައީ އެކަމަށްޓަކައި ބޭނުންވާ ދެވަނަ ނިޒާމް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ނިޒާމެއްގެ ގޮތުން، މިއަހަރުގެ ކުރީކޮޅު ވަނީ ޖަލު އޮފިސަރުންނާއި ޖަލަށް އެކި ކަންކަމުގައި ވަންނަ ފަރާތްތައް 100 އިންސައްތަ ބޮޑީ ސްކޭން ކުރެވޭނެ މެޝިނެއް ހަރުކޮށްފައެވެ. މިއަދު އިފްތިތާހު ކުރެވުނު ބެގޭޖް ސްކޭނިންގ މެޝިނަކީ އާންމު ފަރާތްތަކުން ގައިދީންނަށް ފޮނުވާ އެކި ބާވަތުގެ ސާމާނުތައް ފާސްކުރުމަށް ބޭނުންކުރާނެ މެޝިނެކެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކުރިން ޖަލަށް ވައްދާ ތަކެތި ފާސްކުރަމުން އައީ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް ރެންޑަމްކޮށް ނަމަވެސް، އައު މެޝިނާއެކު ޖަލަށް ވައްދާ ހުރިހާ ތަކެއްޗެއް 100 އިންސައްތަ ސްކޭން ކުރެވިގެންދާނެ ކަމަށެވެ. އަދި މި މެޝިނުގެ އެހީގައި، ތަކެތީގެ ތެރޭގައި ފޮރުވައިގެންނާއި ގިނަ ފަށަލަތަކަކަށް ބަހާލައިގެން ވައްދަން އުޅޭ މަނާ ތަކެތިވެސް ފަސޭހަކަމާއެކު ދެނެގަނެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޖަލުތަކަކީ އަމާން އަދި ވަކި ނިޒާމެއްގެ ތެރެއިން ކަންކަން ހިނގާ ތަންތަނަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުންފުޅެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ޖަލުތަކުގައި ސްކޭން މެޝިންތައް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ވިދާޅުވުން، މި މަސައްކަތާއެކު ތަންފީޒު ކުރެވިފައިވާ ކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މި އައު ނިޒާމުގެ ސަބަބުން ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަވެ، ޖަލުގައި ތިބޭ މީހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.












