މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
ހައުސިންގ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ޖުމުލަ 58،505 ފަރާތަކުން ވަނީ ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅައިފައެވެ. އެއީ ގޯއްޗަށް އެދި 22،575 އެޕްލިކޭޝަނާއި ފުލެޓަށް އެދި 35،930 އެޕްލިކޭޝަނެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަންތަކާ ގުޅޭ ތަފާސްހިސާބުތައް pic.twitter.com/EDqnEkgaXP
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 16, 2026
ހައުސިންގ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން އެންމެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވަނީ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ޖުމުލަ 45,644 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އެއީ ގޯއްޗަށް އެދި 9،826 އެޕްލިކޭޝަނާއި ފުލެޓަށް އެދި 35,818 އެޕްލިކޭޝަނެވެ.
މީގެ އިތުރުން ”ގޯތިގެދޮރު“ ޕްރޮގްރާމްގެ ދަށުން ޖުމުލަ 12,861 އެޕްލިކޭޝަން ވަނީ ހުށަހަޅައިފައެވެ. މި ޕްރޮގްރާމްގައި ގޯއްޗަށް އެދި 12،749 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ފުލެޓަށް އެދި ހުށަހަޅާފައިވަނީ އެންމެ 112 އެޕްލިކޭޝަނެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި ވަނީ ދެ ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއީ ސަރުކާރަކުން މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ޖުމުލަ 15،000 ގޯއްޗާއި 7،900 ފުލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.













