އިސްލާމިކް ޔުނިވަރސިޓީ އޮފް ދަ މޯލްޑިވްސް (އައިޔޫއެމް) ގެ ދަރިވަރުން ހިލޭ ގާނޫނީ ލަފާދިނުމަށް ގާނޫނީ ކްލިނިކެއް ހުޅުވައިފިއެވެ.
މިކަމާ ގުޅިގެން އައިޔޫއެމްއިން ބުނެފައިވަނީ، މި ކްލިނިކަކީ އެ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ އިން ގާއިމްކޮށްފައިވާ ކްލިނިކެއް ކަމަށެވެ.
މި ކްލިނިކަކީ ގާނޫނީ ވަކީލަކަށްވުމަށް ބޭނުންވާ ދަރިވަރުން ތަމްރީންކުރުމަށާއި، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ގާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުން އާންމުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ ކްލިނިކެކެވެ.
އައިޔޫއެމްގެ ގާނޫނީ ކްލިނިކުން ދޭ ހިދުމަތްތަކުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ގާނޫނީ ލަފަޔާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން ގާނޫނީ ލަފާ ދިނުމާއި މައްސަލައިގެ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުމާއި، އެއްބަސްވުންތައް ތައްޔާރުކުރުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ.
އައިޔޫއެމްއިން ބުނީ މި ހިދުމަތްތައް އާންމުންނަށް ފޯރުކޮށްދެނީ އެއްވެސް އަގެއް ނެގުމަކާ ނުލައި މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން، މި ކްލިނަކަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ދިރާސާކުރުމަށް ގާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއްގެ އައްޔަނުކޮށް މައްސަލަ ދިރާސާކުރާނެ ކަމަށާއި، އޭގެ ފަހުން ގާނޫނީ ވަކީލާއެކު ބައްދަލުވުން އިންތިޒާމްކޮށް މައްސަލަ ހުށަހެޅި ފަރާތްތަކާއެކު އައިޔޫއެމްގެ ލީގަލް ކްލިނިކްގައި ބައްދަލުކޮށް ގާނޫނީ ލަފާ ދެވޭނެ ކަމަށް އައިޔޫއެމްއިން ވަނީ ބުނެފައެވެ.
އައިޔޫއެމްގެ ގާނޫނީ ކްލިނިކަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ އެކަމަށް ހާއްސަކޮށްފައިވާ ގޫގަލް ފޯމްގެ ލިންކު މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.










