މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރިންނަށް ކަމަށްވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެއް ކަމަށާއި، ލޭ ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކު ވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުސަތުގެ ދަރުމަ ހޯއްދަވާ، އިންސާނިއްޔަތަށް އެ ހިދުމަތް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށްދިޔަ މި ހަފްލާގައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން ފާހަގަކުރައްވައި، ލޭ ހަދިޔާކުރާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ހާއްސަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ޝަރަފުގައި ހާއްސަ ދުވަހެއް ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ސަބަބަކީ އެ މަތިވެރި އިންސާނީ ސަދަގާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަހްލާގު އާލާކޮށް، އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިހްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ، މި އަގުހުރި ހިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށް ވެސް އެކަމަނާ ވަނީ، އިންސާނިއްޔަތުކަމުގެ މި އަގުހުރި ހިދުމަތުގެ ދަރުމަ ލިބިގަތުމަށް ހިތްވަރުދެއްވައިފައެވެ.
ހަފުލާގައި، ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ ގިނައިން ލޭ ހަދިޔާކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް މިރޭގެ ހަފުލާގައި ހަވާލުކުރައްވާފައިވެއެވެ.
ހަމައެއާއެކު، މިހާތަނަށް އެންމެ ގިނައިން ލޭ ހަދިޔާކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް މި ހަފުލާގައި އޮތެވެ.
އަނެކާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، ތިމާގެ ހަށިގަނޑުގެ ލޭ، އެއްވެސް ބަދަލަކާ ނުލައި ހަދިޔާކުރައްވާ ލޭ ހަދިޔާކުރުންތެރިންގެ ޝަރަފުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރޭ އޮތް ހަފްލާގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި، ލޭ ހަދިޔާކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.













