ދިވެހިރާއްޖޭގެ ތާރީޚުގައި މާލީ ދާއިރާއިން ގެނެވޭ އެންމެ ބޮޑު އެއް އިންޤިލާބު ކަމުގައިވާ ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި އިއްޔެ ވަނީ ފަށާފައެވެ. ބާސެލޯ ނަސަންދުރާ ގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރާއްޖެއަށް ޕޭޕަލް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވިފައިވަނީ ޕޭޕަލް އާއި އުރީދޫ ފިންޓެކްއާ ދެމެދު ވެވުނު ޚާއްޞަ އެއްބަސްވުމެއްގެ ދަށުންނެވެ.
މިގޮތުން، ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަތުމާއި ފޮނުވުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ އުރީދޫގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް ކަމުގައިވާ އެމް-ފައިސާއާ ގުޅުވާލައިގެންނެވެ.
މި ޚިދުމަތް ފެށުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުން އެތައް އަހަރެއް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުމެވެ. މީގެ ކުރިން ރާއްޖޭގައި ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުޞަތު އޮތް ނަމަވެސް، ފައިސާ ލިބިގަތުމުގެ ޚިދުމަތް ނުލިބުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށާއި ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ މާކެޓަށް ވަނުމަށް ބޮޑެތި ހުރަސްތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް، އިއްޔެ ތަޢާރަފުކުރެވުނު ޚިދުމަތާއެކު، ބޭރު ޤައުމުތަކުގައި ތިބޭ ކަސްޓަމަރުންގެ އަތުން ސީދާ އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިއީރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫ މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސްއަށް ދޫކުރި އިންވާޑް ރެމިޓެންސް ލައިސަންސްގެ ދަށުން ފެށުނު ޚިދުމަތެކެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ މިއީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދެއް ފުއްދެވުންކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހި އުފެއްދުންތެރިންނާއި އީޖާދީ މަސައްކަތްކުރާ ޒުވާނުންނަށް މިއަދާ ހަމައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތައް ބައިނަލްއަޤުވާމީ މާކެޓަށް ނެރެ، އޭގެން އާމްދަނީ ހޯދޭނެ ފަސޭހަ މަގަމެއް ނެތުމެވެ. އެހެންކަމުން، ޕޭޕަލް ފަދަ އިތުބާރު ހިފޭ ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭއެއް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރެއްވީ، މި ހުރަސް ނައްތާލައި ދިވެހި ޒުވާނުންނަށް ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދެއްވުމުގެ މަތިވެރި މަޤުޞަދުގައެވެ. ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތަކީ ހިރާއްޖޭގެ ޑިޖިޓަލް އަދި ކްރިއޭޓިވް އިޤުތިޞާދު ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފާލަމެކެވެ. އަދި މިއީ 2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޙާޞިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައިވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުވިދާޅުވި ގޮތުގައި، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި 2024 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރާއި ޕޭޕަލް ކުންފުންޏާ ދެމެދު ވަނީ މުހިންމު މަޝްވަރާތަކެއް ކުރެވިފައެވެ. މިގޮތުން، އެމެރިކާއަށް ދިވެހި ސަރުކާރުގެ އިސް ވަފުދެއް ވަޑައިގެން، ޕޭޕަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޙާލަތު ބަޔާންކޮށްދެއްވައި، ޚިދުމަތް ފެށުމަށް ބޭނުންވާ ޕްރޮޕޯސަލްތައް ހުށަހެޅުއްވިއެވެ. މިނިސްޓަރު ސަޢީދު ވަނީ، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެޖެންޑާ ފައްޓަވައި، އުފެއްދުންތެރި އިޤުތިޞާދެއްގެ ބިންގާ އެޅުއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމަކީ، ދިވެހިރާއްޖެ ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤުތިޞާދުގައި ބައިވެރިވުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ޑިޖިޓަލް ދާއިރާއިން ކުރިއަށްދިޔުމަށް ހުޅުވިގެންދިޔަ ތަނަވަސް ދޮރެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ތާރީޚީ ރަސްމިއްޔާތުގައި ޕޭޕަލް ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަދި ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީއެވެ. އާމިރް ވަލިއާނީގެ ވާހަކަފުޅުގައި، އިއްޔެއަކީ ދިރާއްޖޭގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ދުނިޔޭގެ އިތުބާރު ހިފޭ މާލީ ނިޒާމަކާ ގުޅައިލެވުނު މުހިންމު ދުވަހެއްކަމުގައި ވިދާޅުވިއެވެ. ޕޭޕަލްގެ ޚިދުމަތާއެކު، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި އައު ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ އިތުބާރު ހުރި ޕޭމަންޓް ސޮލިއުޝަންތަކެއް ލިބިގެންދާނެކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ މާލީ ނެޓްވޯކްތަކަށް ފަސޭހައިން ވަދެވޭނެ މަގު ފަހިވުމަކީ، އިޤުތިޞާދީ ފުރުޞަތުތައް ފުޅާވެ، ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤުތިޞާދުގައި ދިވެހިންގެ ޙިއްޞާ އިތުރުވެގެންދާނެ ކަމެއްކަން އާމިރް ވަލިއާނީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ޤަވާސްމީ ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ވިދާޅުވިއެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އައު ފުރުޞަތުތައް ފަހިކޮށްދޭނެ ޚިދުމަތްތައް ތަޢާރަފުކުރުމަށް ކަމަށާއި، ޕޭޕަލް އާއި އެމް-ފައިސާ ގުޅުވާލުމަކީ މި އަމާޒަށް ވާޞިލުވުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް ޝާދީ ޤަވާސްމީ ފާހަގަކުރެއްވިއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް ރައްކާތެރިކަމާއެކު ފައިސާ ލިބިގަތުމުގެ މަގު ތަނަވަސްވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ލިބޭނެ ފައިދާ
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުން އެންމެ ބޮޑު އަދި އެންމެ ސީދާ ފައިދާއެއް ކުރާނެ އެއް ބަޔަކީ އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ނުވަތަ ފްރީލާންސަރުންނެވެ. ރާއްޖޭގައި ގްރެފިކް ޑިޒައިނަރުންނާއި، ވެބް ޑިވެލޮޕަރުންނާއި، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން ފަދަ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އަންނަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ބޭރުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް، މީގެ ކުރިން މި ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ކުރާ މަސައްކަތުގެ އުޖޫރަ ރާއްޖެއަށް ގެނައުމުގައި ހުރި ދަތިތަކެވެ. ބައިނަލްއަޤުވާމީ ގިނަ ކަސްޓަމަރުން ފައިސާ ދެއްކުމަށް އެންމެ ބޮޑަށް ބޭނުންކުރާ ވަޞީލަތަކީ ޕޭޕަލް ކަމަށްވާއިރު، ރާއްޖޭގައި ޕޭޕަލް އެކައުންޓަށް ފައިސާ ނުލިބުމުގެ ސަބަބުން، ދިވެހި ފްރީލާންސަރުންނަށް ވަނީ އެތައް ޕްރޮޖެކްޓްތަކެއް ގެއްލިފައެވެ. ނުވަތަ ފައިސާ ގެނައުމަށްޓަކައި ތިންވަނަ ފަރާތެއްގެ އެހީތެރިކަން ހޯދަންޖެހި، އޭގެ ސަބަބުން ބޮޑެތި ފީތަކެއް ދައްކަންޖެހި، އާމްދަނީން ބޮޑު ބައެއް އުނިވެގެން ގޮސްފައިވެއެވެ.
އިއްޔެ ތަޢާރަފުކުރެވުނު ޚިދުމަތާއެކު މި މައްސަލައަށް ވަނީ ދާއިމީ ޙައްލެއް ލިބިފައެވެ. ދިވެހި ފްރީލާންސަރުންނަށް މިހާރު ސީދާ އެމީހުންގެ ޕޭޕަލް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި އެ ފައިސާ އުރީދޫ އެމް-ފައިސާ ވޮލެޓަށް ޓްރާންސްފަރކޮށް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން، ދިވެހި ޒުވާނުންނަށް ދުނިޔޭގެ ބޮޑެތި ފްރީލާންސް ޕްލެޓްފޯމްތައް ކަމަށްވާ އަޕްވޯކް، ފައިވަރ، އަދި ޓޮޕްޓަލް ފަދަ ވެބްސައިޓްތަކުގައި ފުރިހަމައަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މިއީ ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް ގޭގައި ތިބެގެން ބޭރު ފައިސާއިން އާމްދަނީ ހޯދުމަށް މަގުފަހިކޮށްދޭނެ، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކޮށްދޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަންނާނެ އިންޤިލާބީ ބަދަލު
ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރެވުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ޚާއްޞަކޮށް އީ-ކޮމާސްގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަންނާނެ ވަރަށް ބޮޑު އިންޤިލާބީ ބަދަލެކެވެ. ރާއްޖޭގައި އުފައްދާ އަތްތެރި މަސައްކަތްތަކާއި، ދިވެހި އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށް ބޭނުންވާ ވިޔަފާރިތަކަށް މީގެ ކުރިން އޮތް އެންމެ ބޮޑު ހުރަހަކީ އިތުބާރު ހިފޭ އޮންލައިން ޕޭމަންޓް ގޭޓްވޭއެއް ނެތުމެވެ. ބޭރުގެ ކަސްޓަމަރުން ގިނަ ފަހަރަށް ބޭނުންވަނީ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ސީދާ ވެބްސައިޓަށް ދިނުމުގެ ބަދަލުގައި ޕޭޕަލް ފަދަ ރައްކާތެރި ނިޒާމެއް މެދުވެރިކޮށް ފައިސާ ދެއްކުމަށެވެ. އެހެންކަމުން، ޕޭޕަލް މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހުމުން، ބޭރުގެ ކަސްޓަމަރުން ދިވެހި އުފެއްދުންތައް ގަތުމަށް ކުރާ އިތުބާރު ބޮޑުވެ، ވިޔަފާރީގެ މުޢާމަލާތްތައް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް، މިސާލަކަށް ގެސްޓްހައުސްތަކާއި، ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓުއަރ އޮޕަރޭޓަރުންނަށް ވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ފަތުރުވެރިންނަށް އެމީހުންގެ ބުކިންގ ހެދުމަށާއި އެޑްވާންސް ޕޭމަންޓް ހެދުމަށް ޕޭޕަލް ބޭނުންކުރެވުމަކީ، މި ވިޔަފާރިތަކަށް އާމްދަނީ ހޯދުމުގައި ހުރި ދަތިތައް ފިލައިގެންދާނެ ކަމެކެވެ. ޕޭޕަލްއަކީ ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރާ، އަދި އެތައް މިލިއަން ކަސްޓަމަރުންނެއް އިތުބާރުކުރާ ނިޒާމަކަށް ވުމާއެކު، ދިވެހި ވިޔަފާރިތަކަށް މި ހުޅުވިގެންދިޔައީ މުޅި ދުނިޔޭގެ މާކެޓެވެ. ބިލް ކުރުމާއި، އިންވޮއިސް ފޮނުވުމާއި، ފައިސާގެ ރެކޯޑުތައް ބެލެހެއްޓުމަށް ޕޭޕަލްއިން ފޯރުކޮށްދޭ ޒަމާނީ ވަޞީލަތްތަކުގެ ސަބަބުން، ކުދި ވިޔަފާރިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ފައިދާ އިތުރުވުމަށް މަގުފަހިވާނެއެވެ.
ޤައުމީ އިޤުތިޞާދަށާއި ބޭރު ފައިސާގެ މުޢާމަލާތްތަކަށް ކުރާނެ އަސަރު
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމަކީ ހަމައެކަނި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ޤައުމީ އިޤުތިޞާދަށް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ފަދައިން، މި ތާރީޚީ ކާމިޔާބީގެ ސަބަބުން ރާއްޖޭގެ އީ-ކޮމާސްގެ މާޙައުލަށާއި ޑިޖިޓަލް އިޤުތިޞާދަށް އިންޤިލާބީ ކުރިއެރުންތަކެއް އަންނާނެއެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް މީގެ ކުރިން ނުލިބޭ ފަދަ ތަނަވަސް ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެ އެންމެ މުހިންމު އެއް ނަތީޖާއަކަށް ވެގެންދާނީ، ދިވެހިރާއްޖެއަށް ވަންނަ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ މިންވަރު އިތުރުވެގެން ދިޔުމެވެ. ރާއްޖޭގެ އިޤުތިޞާދަށް މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމަށްޓަކައި، އިމްޕޯޓަށްވުރެ އެކްސްޕޯޓު އިތުރުކުރުމާއި، ޚިދުމަތްތައް ބޭރުކޮށްގެން އާމްދަނީ ހޯދުން ވަރަށް މުހިންމެވެ. ޕޭޕަލް މެދުވެރިކޮށް ދިވެހި ފްރީލާންސަރުންނާއި ވިޔަފާރިވެރިން ހޯދާ އާމްދަނީ ސީދާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަނުމުން، ޤައުމުގެ ބޭރު ފައިސާގެ ރިޒާވަށް އޭގެ ސީދާ ފައިދާ ކުރާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ޤައުމީ އިޤުތިޞާދުގެ ބިންގާ އިތުރަށް ހަރުދަނާވެ، ބައިނަލްއަޤުވާމީ ވިޔަފާރީގައި ދިވެހި އުފެއްދުންތަކަށް ވަގުތުން ވަގުތަށް ޖާގަ ލިބިގެންދާނެއެވެ. ރާއްޖެ ފަދަ ކުޑަ ޤައުމަކަށް، ދުނިޔޭގެ ބާޒާރުގައި ވާދަކުރުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަޞީލަތްތަކެވެ. ސަރުކާރުން އިސްނަންގަވައިގެން، އުރީދޫ މޯލްޑިވްސްއާއި ޕޭޕަލްއާ ދެމެދު ޤާއިމުކުރެވުނު މި ޚާއްޞަ ގުޅުމުގެ ސަބަބުން، މާލީ އަދި ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކުން އަރައިގަނެވި، ދެކުނު އޭޝިއާ ސަރަޙައްދުގައިވެސް އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިޤުތިޞާދެއް އޮތް ޤައުމުތަކުގެ ގިންތިއަށް ރާއްޖެ މިވަނީ އުފުލިފައެވެ. މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ބިނާކުރެވޭ ވަރުގަދަ އިޤުތިޞާދެއްގެ ފެށުން ކަމުގައި ދެކެވޭނެއެވެ. މި ޚިދުމަތް ފުޅާވަމުންދާ ވަރަކަށް، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް އިންވެސްޓްމަންޓްތައް އިތުރުވެ، ޓެކްނޮލޮޖީގެ ރޮނގުން އިތުރު އީޖާދުތައް އުފެދިގެންދިޔުމަކީ ޔަޤީންކަމެކެވެ. މުޅި ޤައުމުގެ އިޤުތިޞާދީ މަލަމަތި ބަދަލުކޮށްލާނެ މި މަޝްރޫޢުގެ ސަބަބުން، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިރާއްޖޭގެ މަޤާމު އިތުރަށް ފާހަގަވެގެންދާނެއެވެ.




