ސިޔާސީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އުފެދޭ ހިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަސްލަހަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އާ އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. މި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ އުހުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން އެމަނިކުފާނު ވަނީ ހިޖުރައިގެ މަތިވެރި ތާރީހުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
ރައީސްގެ ހިތާބުގައި، މީގެ ސާދަސަތޭކައަށްވުރެ ގިނަ އަހަރު ކުރިން މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި، އެކަލޭގެފާނުގެ އަސްހާބުން މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ނުކުންނާނެ ފޮނި ނަތީޖާ ކަމަށް ވިދާޅުވިއެވެ.
ރައީސް ހިތާބުގައި، ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންސާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫހު މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމައުގައި ދިރުވަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންކަން ފާހަގަކުރައްވައި ރައީސް ވަނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މުޖުތަމައު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލައްވައިފައެވެ.
މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ، އަދި އެންމެ މުހިންމު އެއް އަމާޒަކީ، އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގައި، އަދި ދިވެހިވަންތަ ރިވެތި އަހުލާގުގެ މަތީގައި ބޮޑުވާ، ދީނާއި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމުގައި ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. ދިވެހިންގެ މެދުގައި އޮތް ސައްތައިންސައްތަ އިސްލާމީ ވަހުދަތަކީ، އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރުކަން ފާހަގަކުރައްވައި، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި، ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ފެށުނު އާ އަހަރަކީ، އިގްތިސާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަކުރުމަށް ލިބޭ އާ ފުރުސަތެއް ކަމަށާއި މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު މަސައްކަތްކޮށް އެކަންކަމަށް ކުރިމަތިލައިގެންކަން އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހިޖުރީ އާ އަހަރަކާ ބައްދަލުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ފަލަސްތީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ހެޔޮ ދުއާކުރުމުގައި ދެމިތިއްބެވުމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވާފައިވެއެވެ.
ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަނީ މި ފެށުނު ހިޖުރީ އާ އަހަރަކީ، ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި، އަމާން، އަދި ފާގަތި އަހަރެއް ކަމުގައި ލައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރައްވައި، ގައުމަށް ކުރިއެރުމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
މި މުނާސަބަތުގައި މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި ފެށޭ އާ އަހަރަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރުކަން ފާހަގަކުރައްވައިފައެވެ. އަދި އިސްލާމްކަމުގެ ނިއުމަތުގައި ދިވެހި ގައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ މާތްﷲ އަށް ހަމްދުކުރައްވައި، މި އަހަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށްމެ ބަރަކާތާއި ރަހްމަތުން ފުރިގެންވާ އަހަރަކަށްވުމަށް އެދިވަޑައިގެން ދުއާކުރައްވާފައިވެއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މީސް މީޑިއާގައި މެސެޖެއް ހިއްސާކުރައްވައިފައެވެ. އެކަމަނާގެ މެސެޖުގައި، ނިމިދިޔަ އަހަރު ދިވެހި ގައުމާއި ރައްޔިތުންނަށް ދެއްވި ނިއުމަތްތަކަށް ހަމްދާއި ޝުކުރުއަދާކުރައްވައި، މި ފެށޭ އަހަރު، ހެވާއި ލާބައިގައި ދިވެހިން ޝާމިލުކުރެއްވުން އެދިވަޑައިގެން ވަނީ ދުއާ ކުރައްވައިފައެވެ.












