ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގައި ދެން ފެނިގެންދާނީ މަސައްކަތްތަކުގެ ސްޕީޑް ބާރުވާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަތަކާ ގުޅިގެން ތެލުގެ އަގު އުފުލުމާއި، އިމާރަތްކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގައި ދިމާވި ދަތިތަކުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި މަޑުޖެހުމެއް އައި ކަމަށެވެ.
ނަމަވެސް މިހާރު އެކަން މަޑުމަޑުން ހައްލުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ހަފުތާގެ ތެރޭގައި ކެބިނެޓުގައި މަޝްވަރާކުރައްވައި، ހުރިހާ މަޝްރޫއުތަކެއް ކުރިއަށްގެންދާނެ ތަރުތީބު މިހާރު ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ، މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކުގެ އިތުރުން އަދި އަންނަ އަހަރު ސޮއިކުރަން ހުރި މަޝްރޫއުތަކާއެކު ޖުމުލަ 2،645 މަޝްރޫއެއް މި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިހާރު ސޮއިކުރެވިފައި ހުރި މަޝްރޫއުތަކާއި މި އަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކާއި އަދި އަންނަ އަހަރު އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށް ދެން ސޮއި ކުރަންހުރި މަޝްރޫއުތައް އެއްކޮށްލާއިރު ޖުމްލަ 2،645 މަޝްރޫއު ހިމެނޭ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ތަރުތީބުކޮށްފައިވަނީ ވަކި ޕްލޭނެއްގެ ދަށުން ކޮންމެ މަހަކު ނިންމާނެ މަޝްރޫއުތަކަށް އިސްކަންދީ، ދަރަނިތައް ދައްކަމުން، ކޭޝްފްލޯ މެނޭޖްކުރެވޭނެ ފަދަ ތާވަލެއްގެ ދަށުން ކަމަށެވެ. މަޝްރޫއުތައް ނުހުއްޓި ބާރު ސްޕީޑުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.













