ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިއަދު އޮތީ ބިނާކުރަނިވި ރާސްތާއަކާއި ފަނާކުރަނިވި ރާސްތާއެއްގެ ފިކުރުކަމަށާއި، އެ ދެ ފިކުރުގެ ތަފާތު ރައްޔިތުންނަށް މިހާރު ވަރަށް ރަނގަޅަށް ސާފުވެ ހާމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވަނީ ނިމިދިޔަ ސަރުކާރުތަކުން ރާއްޖޭގެ އިޤްތިޞާދަށާއި މިނިވަންކަމަށް ދީފައިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ފެނިގެންދިޔައީ ދިވެހިރާއްޖެއާއި ދިވެހީންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި މަންޒަރު ކަމަށެވެ. އެގޮތުން، ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަޙައްދެއް ދޫކޮށްލުމާއި، ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް މީގެކުރިން ކަންކަން ގޮސްފައިވޭ. މިދިޔަ ސަރުކާރުގައި ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ކަނޑުގެ ބޮޑުބައެއް ވަނީ ދޫކޮށްލާފައި،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އިސްލާމްދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުނުއިރު، ދެވަނަ ސަރުކާރުން ފެނުނީ ދީނަށް ފުރައްސާރަކުރާ މީހުންނަށް ހިމާޔަތާއި ވާގިވެރިކަން ދިން މަންޒަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހުރިހާ ސިޔާސަތެއްގެ އަސާސަކީ އިސްލާމްދީން ކަމަށާއި، ޤައުމާއި ދީން އިސްކުރުމަކީ މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ލިބޭ އެންމެ ބޮޑު ސަބަބު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އެޅުވި ބޮޑެތި ދަރަނިތަކާއި ގޯސްކޮށް ކޮށްފައިވާ ކަންކަން ހަމަމަގަށް އެޅުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަކި ޤައުމަކުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި، މިހާރު ކަންކަން ކުރިއަށްދާނީ ދިވެހީންނަށް އެންމެ ފައިދާހުރި މަގުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރިން މަގުމަތީގައި ގޮތެއްނެތިފައި ތިބި ޒުވާނުންނަށް މިއަދު އުންމީދީ މަގުތަކެއް ދައްކައިދީފައިވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ވޭޕް ފަދަ ނުރައްކާތަކުން ޤައުމު ސަލާމަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޕީއެންސީއަކީ މިއަދު ރައްޔިތުން އެންމެ އިތުބާރުކުރާ ޕާޓީއަށް ވެފައިވަނީ، ހަމަޖެހުމާއި ތަރައްޤީއަށް ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ގެއްލުމާއި ހަލާކުގެ ރާސްތާ ދޫކޮށް، ކާމިޔާބީގެ ރާސްތާގައި ޤައުމަށްޓަކައި މަސައްކަތްކުރަނީ ކޮން ބައެއްކަން މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވިދާޅުވެ ރައީސްގެ ވާހަކަފުޅު ނިންމާލެއްވިއެވެ.













