ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ، ފީފާއިން ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ މިސުރުގެ ޖާޒީގައި ހިމަނާފައިވާ ހަތް ތަރި ފޮހެލުމަށް އެ އިދާރާއިން އަންގައިފިއެވެ.
ފީފާއިން މިގޮތަށް އެންގީ މިސުރުގެ ކުޅުންތެރިން ބޭނުންކުރާ ޖާޒީގެ މޭމަތީގައި ހިމަނާފައިވާ ހަތް ތަރިއަކީ ވޯލްޑް ކަޕާ އެއްވެސް ގުޅުމެއް އޮތް ނިޝާންތަކަކަށް ނުވާތީއެވެ. މި ހަތް ތަރިން ރަމްޒުކޮށްދެނީ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ”އެފްރިކަން ނޭޝަންސް ކަޕް“ މިސުރުން ހަތް ފަހަރު ކާމިޔާބުކޮށްފައިވާ ކަމެވެ. ނަމަވެސް ފީފާގެ އުސޫލުތައް ބުނާގޮތުން ވޯލްޑް ކަޕް ޖާޒީގައި ޖެހޭނީ އެ މުބާރާތުގެ ކާމިޔާބީތައް ރަމްޒުކޮށްދޭ ނިޝާންތަކެވެ.
މިކަމާ ގުޅޭގޮތުން މިސުރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ، ފީފާގެ ’ކިޓް ރޫލް‘ ތަކަށް އެ ގައުމުގެ ޖާޒީ ނުފެތޭކަން މިހާރު އަންގާފައިވާ ކަމަށެވެ.
”ފީފާގެ ގަވާއިދުތަކަށް އެންމެންވެސް އަމަލުކުރަން ޖެހޭނެ. އެހެންވެ އެ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އެކަމަކު މި ހަތް ތަރިއަކީ އަހަރުމެންގެ ޝަރަފެއް، އަދި އަހަރުމެންނަށް ވަރަށްއެއްޗެއް. އެއީ އަހަރުމެންގެ ޝަރަފެއް،“ މިސުރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕް ކުޅޭ މިސުރުގެ ޖާޒީގައި ނަންބަރު ޖަހާފައިވަނީ ރަން އަކުރުންނެވެ. ފީފާއިން ވަނީ މިކުލަ ވެސް ހުދަށް ބަދަލު ކުރަން އަންގައިފަ އެވެ. ބޮޑަށް ބެލެވެނީ ރަންކުލަ ދުރަށް ފެނުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ބަދަލު ކުރަން އެންގީ ކަމަށެވެ. އެއީ ދުވާލު މެޗުތައް ކުޅޭއިރު އިރުގެ އަލީގެ ސަބަބުން ރަންކުލަ ދުރަށް ފާޅުވުން ކުޑަވާތީ އެވެ.
މިސުރު މި ފަހަރުގެ ވޯލްޑް ކަޕަށް މި ނުކުންނަނީ 2018 ވަނަ އަހަރުގެ މުބާރާތަށް ފަހު އަލަށެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުން ވެސް މިސުރަށް މާ ރަނގަޅު ކާމިޔާބީއެއް ހޯދިފައިނުވާއިރު ވޯލްޑް ކަޕުގައި ދަށްވެގެން ދެ ވަނަ ބުރަށް ދިއުމަށް އެ ގައުމުން އުއްމީދު ކުރެ އެވެ. ޓީމުގެ ކެޕްޓަން އަދި ތަރިއަކީ ލިވަޕޫލްގައި ލެޖެންޑެއްގެ ދަރަޖަ ހޯދި މުހައްމަދު ސަލާހެވެ.












