ޝާމްލީ، އުއްތަރަ ޕްރަދޭޝް – އިންޑިއާގެ ހައްދުފަހަނަޅާފައިވާ ދައުލަތުގެ ބާރުތަކުންނާއި ކަނާތުފިޔައިގެ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ނިޒާމީ ޖަރީމާތަކުގެ ތެރެއިން، މިއަދު މުޅި އިސްލާމީ އުންމަތަށް ފާޅުވެ ފެންނަން ހުރީ އީމާންތެރިކަމުގެ ވަރުގަދަ، ދިރިހުރި ނަމޫނާއެކެވެ. އުމުރުން 31 އަހަރުގެ މުޙައްމަދު ޢަލީ (ކުރީގެ ނަމުންނަމަ އާޔޫޝް މާލިކް) އަކީ ފާރމަސީ ދާއިރާއިން ކިޔަވައިގެން ހުރި، މިލިއަނަރު ހިންދޫ އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ނަމަވެސް، އޭނާ މިއަދު އެވަނީ އޭނާގެ މައިންބަފައިންނާއި، މުޅި މުޖުތަމަޢުއާއި، ބީޖޭޕީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް، އޭނާގެ ދީނާއި އަނބިމީހާގެ ދިފާޢުގައި ފަރުބަދައެއްފަދައިން ސާބިތުވެފައެވެ. އޭނާގެ މި ސާބިތުކަމަކީ ހަމައެކަނި އާއިލީ މައްސަލައެއް ނޫނެވެ؛ މިއީ އީމާންކަމުގެ އިޤްރާރަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫންކަމާއި، އެއީ ޤުރުބާނީން ކަށަވަރުކުރަންޖެހޭ މުޤައްދަސް ޢަހުދެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ކަމެކެވެ.
What I had guessed is exactly what happened.
Ayush Malik came forward and said “Alhamdulillah I am Muslim”
pic.twitter.com/BHb76VJDMo https://t.co/cxjNCLcJuv
— Sarcastic. (@Sarcaztick) June 8, 2026
ޙައްޤުގެ ބާރުވެރިކަމާއި އިސްތިއުމާރުގެ ބާޠިލްކަން
އިންޑިޔާގެ ދައުލަތުގެ ރަސްމީ ބަޔާންތަކުގައި މުޙައްމަދު ޢަލީއަކީ އެހެން ބައެއްގެ މަޖުބޫރުކަމުން ނުވަތަ ރޭވުމަކުން ދީން ބަދަލުކުރި ”ފޯރްސްޑް ކޮންވަރޓެއް“ ކަމަށް ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، ޙަޤީޤަތް މިއާ މުޅިން ތަފާތެވެ. މުޙައްމަދު އިސްލާމްވީ ކުއްލިއަކަށް ނޫނެވެ. 2014 ވަނަ އަހަރުން ފެށިގެން، ފާއިތުވި 12 އަހަރު ދުވަހު އޭނާ ވަނީ ދީންތައް ދިރާސާކޮށް، އިސްލާމްދީނުގެ ތައުޙީދުގެ ފުރިހަމަކަމާއި، ކީރިތި ރަސޫލާ ﷺ ގެ ރިވެތި ޝަޚްޞިއްޔަތުގެ ތެދުވެރިކަން ފެނިގެން އަމިއްލަ ބުއްދިއާއި އިޚްތިޔާރުގައި ނިންމި ނިންމުމެކެވެ.
Wallah!! That noor on his face🔥 pic.twitter.com/Q5l2sGTwi8
— Naina Hassan (@TheVeiledVerse) June 8, 2026
އިންޑިއާގެ ތަޢުލީމީ ޒުވާނުންނާއި ބޮޑެތި މީހުން އަމިއްލަ އިޚްތިޔާރުގައި އިސްލާމްވަމުންދާތީ، ހައްދުފަހަނަޅާފައިވާ ހިންދޫންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި އަމިއްލަ ނަފްސާމެދު އޮތް އިތުބާރު ކުޑަކަން ފޮރުވުމަށް އެމީހުން ހަދައިގެން އުޅޭ ދޮގު ފްރޭމްވޯކަކީ ”ލަވް ޖިހާދު“ ޕްރޮޕެގެންޑާއެވެ. އެމީހުން ބުނާ ގޮތުގައި އިންޑިޔާގެ މުސްލިމުން ދަނީ ހިންދޫ އަންހެން ކުދިން ހައްލާލައި، ގަދަކަމުން އިސްލާމްކޮށް، ކައިވެނި ކުރަމުންނެވެ. އެހެނަސް މުޅި ދައުލަތުގެ ބާރާއި، ފުލުހުންނާއި، ކޯޓުތަކާއި މީޑިއާ ކޮންޓްރޯލްކުރާ 80 އިންސައްތައިގެ ހިންދޫ އަޣްލަބިއްޔަތެއް، ނިކަމެތިކޮށްފައިވާ 14 އިންސައްތައިގެ މުސްލިމް މައިނޯރިޓީއަކުން ”ގަދަކަމުން“ ދީން ބަދަލުކުރުވަނީއޭ ބުނުމަކީ ބުއްދި ޤަބޫލުކުރާނެ ކަމެއް ނޫނެވެ.
ހިންދޫ ދައުލަތުގެ އިސްލާމުންނާ ދެކޮޅު އަނިޔާވެރި ޕޮލިސީ
މި ބަލިކަށިކަން ފޮރުވުމަށްޓަކައި، ބީޖޭޕީ ސަރުކާރުން ވަނީ ދައުލަތުގެ ޤާނޫނީ އޮނިގަނޑު (ޚާއްޞަކޮށް އުއްތަރަ ޕްރަދޭޝްގެ އެންޓި-ކޮންވަރޝަން ޤާނޫނު) މުސްލިމުންނަށް ބިރުދެއްކުމަށް ހަތިޔާރަކަށް ހަދާފައެވެ. މުޙައްމަދު ޢަލީގެ މައްސަލައިގައި ދައުލަތުން ޢަމަލުކުރި ގޮތުން މި ނުރައްކާތެރި ރޭވުން ސާފުވެއެވެ:
1. އާއިލާއަށް ފިއްތުންތައް ކުރިމަތިކުރުވުން: ހިންދޫއަކު އިސްލާމްވުމުން، ހަރުކަށި ޖަމާޢަތްތަކުން އެމީހެއްގެ މައިންބަފައިންނަށް ނަފްސާނީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވައި، ފުލުހަށް ޙަޤީޤަތެއް ނެތް މައްސަލަތައް ހުށަހަޅަން މަޖުބޫރުކުރުވައެވެ.
2. އިޤްތިޞާދީ މަކަރުގެ ތުހުމަތު: މުޙައްމަދުގެ ބައްޕަ (ޝާމްލީގެ މެޑިސިން ޓްރޭޑާސް އެސޯސިއޭޝަންގެ ރައީސް) ދެވްރާޖް މަލިކް ލައްވައި ފުލުހަށް ހުށަހެޅުވި މައްސަލައިގައި ބުނެފައިވަނީ، މުޙައްމަދުގެ އަނބިމީހާ ޗާންދްނީ ޤުރޭޝީ، އޭނާގެ ދަރިފުޅުގެ ސިކުނޑި ދޮވެލައި، ގަދަކަމުން ދީން ބަދަލުކުރުވީ އާއިލާގެ އެތައް ކުރޯޑެއްގެ އަގުހުރި މުދާ ފޭރިގަތުމަށް ކަމަށެވެ.
3. ކުށެއްނެތް މުސްލިމުން ޖަލަށްލުން: އިންޑިޔާގެ ފުލުހުން ވަނީ އަމިއްލަ މިނިވަންކަމާއެކު އިސްލާމްވި މުޙައްމަދުގެ ކުށެއްނެތް އަނބިމީހާ ޗާންދްނީއާއި ބަފައިބެ އިސްލާމް ޤުރައިޝީ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ.
މީގެ ހަމައެކަނި ބޭނުމަކީ، މުސްލިމް މުޖުތަމަޢުގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ. މުސްލިމުންނަށް ދޭން ބޭނުންވާ މެސެޖަކީ؛ އަލަށް އިސްލާމްވާ މީހަކަށް މުސްލިމުންގެ މުޖުތަމަޢުން ޖާގަދީ، ކައިވެނީގެ ގުޅުން ޤާއިމުކޮށްފިނަމަ، ދައުލަތުގެ މުޠްލަޤް ބާރު ބޭނުންކޮށްގެން އެމީހުންގެ ދިރިއުޅުން ފުނޑުފުނޑުކޮށްލާނެކަމެވެ. މިއީ އިސްލާމްދީނުގެ ހިދާޔަތް ހޯދާ މީހުންނަށް އިންޑިޔާގެ މުސްލިމުން އެހީތެރިވުން ހުއްޓުވުމަށް ޖަހާފައިވާ މަޅިއެކެވެ.
ﷲ އަށް ވަކީލު ކުރުމާއި ހިތްވަރުގަދަކަން – މީޑިއާގެ ދޮގުތައް ފުނޑުފުނޑުކޮށްލުން
ހައްދުފަހަނައެޅި ހިންދޫ ދައުލަތުގެ މަސްލަޙަތު ހިމާޔަތްކުރާ މީޑިއާތަކުން މުޙައްމަދާއި އޭނާގެ އަނބިމީހާގެ އާއިލާ ބަދުނާމުކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލަން މަސައްކަތްކުރިއެވެ. ނަމަވެސް، ނޫސްވެރިންގެ ކުރިމަތީގައި މުޙައްމަދު ޢަލީ ދައްކައިދިނީ މިއަދުގެ ޒަމާނަށް ބޭނުންވެފައިވާ ވަރުގަދަ ތަވައްކުލް – ﷲ އަށް ވަކީލު ކުރުމާއި ފުރިހަމައަށް ބަރޯސާވުމުގެ ސާބިތު ނަމޫނާއެކެވެ.
އާއިލާގެ މިލިއަނުން އަގުހުރި މުދަލާއި ވިޔަފާރިން އޭނާ މަޙްރޫމްކޮށްފިނަމަ ފަގީރުވެ، މަގުމަތިވާނެކަމަށް ބުނެ ނޫސްވެރިން ކުރި ސުވާލުތަކަށް މުޙައްމަދު ދިން ޖަވާބުން އެމީހުންގެ ދުނިޔަވީ މާއްދީ ވިސްނުމަށް ގޮންޖަހައިލިއެވެ.
“ ތަޤްދީރުގައި އަހަރެންނަށް ލިޔުއްވާފައިވާ ރިޒުޤެއް ހުރިނަމަ ޔަޤީނުންވެސް އަހަރެންނަށް އެ ލިބޭނެ، އެއެއް ފޭރިގަނެވޭނެ އެއްވެސް ދުނިޔަވީ ބާރެއް ނެތް. އަދި އަހަރެންނަށް ލިޔުއްވާފައި ނެތް ރިޒްޤެއް، އެއްވެސް މީހަކަށް އަހަރެންނަށް ހޯދައެއްވެސް ނުދެވޭނެ.“ އަދިވެސް ރިޕޯޓަރު އިތުރަށް ސުވާލު ކުރަން ފެށުމުން އޭނާ ބުނެފައި ވެއެވެ. ”އަހަރެންގެ އަމާޒަކީ އިސްލާމްދީނަށް އުޅުން، މިދީންމަތީ ސާބިތުވުން. ﷲ އިރާދަ ކުރެއްވިއްޔާ އަހަރެން ނިމިގެންދާނީ އިސްލާމް ދީން މަތީގައި.“
Reporter : So what will you do if your parents disown you?
Ayush : “Jo mere hisse mein likha hai, woh mujhe milkar rahega. Aur jo mere hisse mein nahin hai, use koi mujhe de nahin sakta”
“Alhamdulillah, Shareer hai, mehnat kar ke kha lenge”
“Jitna rizq mere naseeb mein likha… pic.twitter.com/Qz1jNnZzu7
— Sarcastic. (@Sarcaztick) June 10, 2026
މިފަދަ އީމާންކަމެއް ފަހުމް ކުރުމުގެ ބަދަލުގައި ނޫސްވެރިން ވަނީ އިތުރު އުނދަގޫ ސުވާލުތައް އޭނާއާއި ކުރިމަތިކޮށްފައެވެ. މިގޮތުން އޭނާގެ މަންމަގެ ހިތާމަތައް ދައްކައި، މަންމައަށްޓަކައި ދީން ދޫކޮށްލާނަންތޯ އެހުމުން، މުޙައްމަދު ވަނީ އިސްލާމްދީނުގައި މައިންބަފައިންނަށް ޚިދުމަތްކުރުމަށް އޮންނަ މަތިވެރި އަމުރުތައް ބަޔާންކޮށްދީފައެވެ. އޭނާ ބުނެފައި ވަނީ އިސްލާމްވުމަށްފަހު މަންމައަށް އޮތް ލޯތްބާއި އަޅާލުން އިތުރުވެފައިވާ ކަމަށާއި، އާއިލާ ރޫޅެނީ އިސްލާމްދީނުގެ ސަބަބުން ނޫންކަމަށާއި، އެހެނަސް ހަރުކަށި މުޖުތަމަޢުގެ ނޭދެވޭ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.
ޞަޙާބީންގެ މަތިވެރި ހަނދާންތައް
މުއުމިނުންނަށް މި ދުނިޔެއަކީ އާޚިރަތުގެ ކާމިޔާބީއަށްޓަކައި ދެވޭ އިމްތިޙާނުގެ މައިދާނެކެވެ. މުޙައްމަދު ޢަލީގެ މި ޤުރުބާނީއަކީ މިއަދުގެ މިޒަމާނުގައި ހިނގި އާދައިގެ ކަމެއް ނޫނެވެ؛ މިއީ ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ޞަޙާބީން ދެއްކެވި ސާބިތުކަމުގެ ތާރީޚީ ހަނދާންތައް އާކޮށްދޭ ކަމެކެވެ:
މަޝްހޫރު ޞަޙާބީ މުޞްޢަބް ބިން ޢުމައިރު رضي الله عنه – ދުނިޔެވީ މުއްސަނދިކަން ދޫކުރައްވައި އާޚިރަތުގެ ކާމިޔާބީއަށް ވާސިލުވެ ވަޑައިގަތް:
އިސްލާމްވެ ވަޑައިގަތުމުގެ ކުރީގައި އެކަލޭގެފާނަކީ މައްކާގެ އެންމެ މުއްސަނދި އެއް ޒުވާނާއެވެ. މުޞްޢަބް އިސްލާމްވެވަޑައިގަތުމުން، އެކަލޭގެފާނުގެ މުއްސަނދި މަންމަ އެކަލޭގެފާނު މަގުމަތިކޮށްލައި މުދަލުން މަޙްރޫމްކުރިއެވެ. ނަމަވެސް މުޞްޢަބް އިޚްތިޔާރުކުރެއްވީ الله ގެ ދީނެވެ. މައްކާގެ އެންމެ އަގުބޮޑު ހުވަނދާއި ފޭރާންލީ ޒުވާނާ، ދީނުގެ ޙައްޤުގައި ފަޤީރުކަން އިޚްތިޔާރުކުރައްވައި، މަދީނާއަށް އިސްލާމްދީނުގެ މެސެޖު ފެތުރުއްވި ފުރަތަމަ ސަފީރަށް ވެވަޑައިގެން ހިޖުރަ ކުރެއްވިއެވެ. ދީނުގެ މަތިވެރި ޝަރަފުތަކާއެކު އުޙުދު ހަނގުރާމައިގައި ޝަހީދުވެ ވަޑައިގަތް އިރު، އެކަލޭގެފާނުގެ މިލްކިއްޔާތުގައި، ކަފުންކޮޅު ފުރިހަމަ ކުރެވޭނެ ވަރުގެ ފޮތިކޮޅެއްވެސް ނެތެވެ.
ސަޢުދު ބިން އަބީ ވައްޤާޞް رضي الله عنه – މައިކުލުނުގެ ކުރިމަތީގައި ދެއްކެވި ސާބިތު ނަމޫނާ.
އުމުރުން 17 އަހަރުގައި އިސްލާމްވެ ވަޑައިގަތް ސަޢުދަކީ މަންމައަށް ނުހަނު ކިޔަމަންތެރި ދަރިއެކެވެ. އެކަލޭގެފާނުގެ މަންމަ އެކަލޭގެފާނު އިސްލާމް ދީން ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށްޓަކައި ކެއިންބުއިން ހުއްޓާލައި، ހޭނެތޭ ހިސާބަށް ދިއުމުންވެސް ސަޢުދު ވިދާޅުވިއެވެ: ”އޭ މަންމާއެވެ! الله ގަންދީ ބުނަމެވެ. މަންމަގެ ސަތޭކަ ފުރާނަ ހުރެފައި، އެ ފުރާނަތައް އެކައްޗަށް ފަހު އަނެކަތި ނުކުމެގެން ދިޔަޔަސް، އަހަރެން މި ދީން ދޫކޮށެއް ނުލާނަމެވެ.“ އެކަލޭގެފާނުގެ މި ސާބިތުކަން ފެނުމުން މަންމަ އެންމެ ފަހުން ބަލިގަބޫލުކޮށް ކާން ފެށިއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނޫރުފުޅު ފުރިހަމަކުރައްވާނެ
މުޙައްމަދު ޢަލީ މިއަދު އެ ހިނގަނީ މުޞްޢަބްއާއި ސަޢުދު رضي الله عنهما ގެ ބަރަކާތްތެރި ފިޔަވަޅުފުޅުތަކުގެ މަތީގައެވެ. އިންޑިއާގެ ހަރުކަށި ބާރުތަކަށް ނޭނގޭ ކަމަކީ، އެމީހުން މި ކުރަނީ އެއްވެސް ގޮތަކުން ކާމިޔާބުނުކުރެވޭނެ ހަނގުރާމައެއް ނޫން ކަމެވެ. އެމީހުން އެ ހަނގުރާމަކުރަނީ އިލާހީ ތަޤްދީރާއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މިކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާފައެވެ:
يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ
މާނައީ: ”އެމީހުން އެދެނީ އެމީހުންގެ އަނގަތަކުން (ބައްތީގެ ހުޅުކޮޅަށް ފުމޭގޮތަށް ފުމެގެން) ﷲ ގެ نُوْر ނިވާލާން ކަމަށެވެ. إسْلام دِيْن ގެ އަލިކަން ނައްތައިލާން ކަމަށެވެ. އެކަމަކު ކާފަރުން ނުރުހި ތިއްބަސް ﷲ އެކަލާނގެ نُوْر ފުރިހަމަ ކުރައްވާނެއެވެ. إسْلام دِيْن ފައުޅުކުރައްވާނެއެވެ.“
(سُورَةُ الصَّفِّ : 8)
މުޝްރިކުން ހަދައިގެން އުޅޭ ބޭއިންސާފު ޤާނޫނުތަކަކުން، ނުވަތަ ޖަލުގެ ގޮޅިތަކުން ޙައްޤުގެ މި ނޫރެއް ނިއްވައެއް ނުލެވޭނެއެވެ. މުޙައްމަދު ޢަލީގެ މައްޗަށް ކާފިރުންގެ އަނިޔާވެރިކަން އިތުރުވީ ވަރަކަށް، ﷲ ގެ ރަޙްމަތާއި އިރާދަފުޅުން އޭނާގެ އީމާންކަމުގެ ވިދުން ދާނީ ގަދަވަމުންނެވެ. މިއީ އަނިޔާވެރިކަމުގެ ކުރިމަތީގައި ދީންމަތީ ސާބިތުވެ ތިބޭ މީހުންނަށް الله ތަޢާލާ އެއިލާހުގެ ނަޞްރު ދެއްވާނެކަން ހަނދާންކޮށްދޭ ޙާދިސާއެކެވެ. ﷲ ތަޢާލާ މުޙައްމަދު ޢަލީ އަށް ސާބިތުކަން އިތުރު ކުރައްވައި، އޭނާގެ ހިތްވަރަކީ އެތައް ބަޔަކު އިސްލާމްދީނާ ކައިރިއަށް ގެނެސްދޭ ސަބަބެއް ކަމުގައި ލައްވާށިއެވެ. އަދި އިންޑިޔާއާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވައި، އިސްލާމްދީން އޭގެ ކުރިބޯއްޓަށް ވާޞިލުކޮށްދެއްވާށިއެވެ. އާމީން.













“އިންޑިއާގެ ހަރުކަށި ބާރުތަކަށް ނޭނގޭ ކަމަކީ، އެމީހުން މި ކުރަނީ އެއްވެސް ގޮތަކުން ކާމިޔާބުނުކުރެވޭނެ ހަނގުރާމައެއް ނޫން ކަމެވެ.“
މި ޖުމްލަ ޜަނގަޅުކޮޢްލައްވާ.