ސަރުކާރުގެ އޮފީސްތައް އޮކިއުޕައި ނުވަތަ ހިސޯރުކުރާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ އިންތިހާބީ ޗެއަރޕާސަން މުޙައްމަދު ނަޝީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ނަޝީދު މި މޭރުމުން ވިދާޅުވީ، އިއްޔެ ބޭއްވުނު އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ މައްޗަށް ކުރިހޯއްދެވުމަށްފަހު އާޓިފިޝަލް ބީޗު ސަރަޙައްދުގައި ރޭ ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު އަންނަނީ އޭނާއަށް ތާއީދުކުރާ ފަރާތްތަކާ މެދު މި ސަރުކާރުން ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށް ބުނެ ސަރުކާރާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަވަމުންނެވެ. ނަޝީދާއި އެމްޑީޕީގެ އަމާޒު ހިފާފައިހުރީ ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުމެވަޑައިގަތުމަށް ކަމަށް ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.
”އަޅުގަނޑުމެންނަށް ތާއީދުކުރި ގިނަ ބަޔަކަށް ބޭއިންސާފުން ފިޔަވަޅު އަޅައިފި. މާދަމާ އެކަން ރަނގަޅު ކުރޭ. ނޫންނަމަ އަޅުގަނޑުމެން ސަރުކާރުގެ އޮފީސްތައް އޮކިއުޕައި ކުރާނަން. އަޅުގަނޑުމެން ސީދާ ހަރަކާތަށް ނުކުންނާނަން،“ – ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ހިންގުމަށް ދަތިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއަޅައި، ސަރުކާރުގެ އޮފީސްތަކަށް ވަދެގަނެ ހަމަނުޖެހުން ހިންގާނެކަމުގެ އިންޒާރު ނަޝީދު ދެއްވާފައިވާއިރު، އެމްޑީޕީގެ މިފަދަ ނާތަހުޒީބީ އަމަލުތަކުގައި ޒުވާނުން ބައިވެރިވުމަށް ވެސް ނަޝީދު އަންނަނީ ފާޅުގައި ގޮވާލަމުންނެވެ.
ނަޝީދަކީ މާޒީގައި ވެސް ސަރުކާރުތައް ހިންގުމަށް ހުރަސްއަޅުއްވައި، ދައުލަތުގެ ހަރުމުދަލަށް ގެއްލުންދިނުމުގެ ރެކޯޑެއް އޮތް ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން ހިނގާދިޔަ އެކި ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި، އޭނާގެ ބަހަށް ތަބާވާ ސަޕޯޓަރުން ވަނީ ސަރުކާރުގެ އޮފީސްތަކުގައި ހުޅުޖަހައި، ދައުލަތުގެ އަގުބޮޑު މުދަލާއި ވަސީލަތްތައް ހަލާކުކޮށްލައިފައެވެ. މިފަދަ ބޭފުޅަކު ސަރުކާރުގެ އޮފީސްތައް ހިސޯރުކުރާނެ ކަމަށް ވިދާޅުވުމަކީ، ގައުމުގެ އަމަންއަމާންކަން ގެއްލިދާނެ ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މީގެ އިތުރުން ސަރުކާރަކަށް އަމާޒުކޮށް ނަޝީދު ދެއްވަމުންދާ މިފަދަ އިންޒާރުތަކަކީ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރަށް ގޮންޖެހުމަށް ކުރަމުންދާ މަސައްކަތެއް ކަމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.













