މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. މި ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
Alert Yellow for Torrential rain and thunderstorms with gusts. pic.twitter.com/ExJtrR1v3n
— Maldives Meteorology (@MetMaldives) June 12, 2026
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
އާންމު ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.











