2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ވަރަށް ފޯރިގަދަ އަދި އެހާމެ ހަލަބޮލިކޮށް ނިމިއްޖެއެވެ. މެކްސިކޯ ސިޓީގައި ކުޅުނު މި މެޗު މެކްސިކޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ މެޗުގައި ޖެހި ލަނޑަށްވުރެ ދެއްކި ރަތް ކާޑުގެ އަދަދު ގިނަވުމެވެ. މުޅި މެޗުގައި ރެފްރީ ވިލްޓަން ސަމްޕާއިއޯ ވަނީ ތިން ރަތް ކާޑު ދައްކާފައެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެ ފަހަރުގެ މުބާރާތުގެ 64 މެޗުގައި ދައްކާފައިވަނީ ޖުމްލަ ހަތަރު ރަތް ކާޑެވެ.
މެޗުގެ ކުޅުން ފެށިގެން 9 ވަނަ މިނެޓުގައި މެކްސިކޯގެ ކިނޯނެސް ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރިހޯދައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކީޕަރުގެ ފައިދަށުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މުޅި މެޗުގައިވެސް މެކްސިކޯއިން ބޮޑު ކޮންޓްރޯލެއް ނަގައިގެން ކުޅުނުއިރު، ދެކުނު އެފްރިކާއަށް މެކްސިކޯގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ދެކުނު އެފްރިކާގެ ސިތޯލްއަށް ވަނީ ފުރަތަމަ ރަތް ކާޑު ދައްކާފައެވެ. އެއީ ގޯލަށް ބޯޅަ ފޮނުވާލަން ހުސްކޮށް ހުރި މެކްސިކޯގެ ގުޓިރޭޒްއަށް ފަހަތުން ކުރި ފައުލަކާ ގުޅިގެންނެވެ. މިއާއެކު ދެކުނު އެފްރިކާގެ ކުޅުން އިތުރަށް ބަލިކަށިވެގެން ދިޔައެވެ. މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ ފަހުކޮޅު ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ހިމެނޭޒްއެވެ.
މެޗުގެ ފަހު ފަނަރަ މިނެޓުގެ ތެރޭގައި ކަންތައްތައް އިތުރަށް ގޯސްވެގެން ދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދެކުނު އެފްރިކާގެ ޒްވާނޭއަށް ރަތް ކާޑު ދެއްކީ އަތުން ޖެހި މައްސަލައެއްގައެވެ. މިއާއެކު ދެކުނު އެފްރިކާ ވެފައިވަނީ 2006 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕް މެޗެއްގައި އެއް ޓީމަކުން ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކި ފުރަތަމަ ޓީމަށެވެ. އެންމެ ފަހުން މިފަދަ ކަމެއް ހިނގާފައިވަނީ 2006 ވަނަ އަހަރު ޕޯޗުގަލް އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗުގައެވެ.
3 – In the first game at the 2026 FIFA World Cup, there were three red cards awarded.
At the 2022 World Cup, only four red cards were shown in 64 games overall.
Brandished. pic.twitter.com/YWYjy2Mu27
— OptaJoe (@OptaJoe) June 11, 2026
މެޗު ނިމެން ދަނިކޮށް، މެކްސިކޯގެ ކެޕްޓަން މޮންޓޭސްއަށްވެސް ވަނީ ރަތް ކާޑު ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އޭރިއާ ރޮނގުމަތިން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، ލަނޑު ޖަހަން ލިބުނު ސާފު ފުރުސަތަކަށް ހުރަސްއެޅުމުންނެވެ.
މެޗު ނިމުނުއިރު، މުބާރާތް ބާއްވާ މެކްސިކޯއަށް ވަނީ ތިން ޕޮއިންޓާއެކު ރަނގަޅު ފެށުމެއް ލިބިފައެވެ. ނަމަވެސް، މެޗުގެ ރެފްރީގެ ނިންމުންތަކާއި، ގިނަ އަދަދަކަށް ރަތް ކާޑު ފެނިގެންދިއުމަކީ މުޅި ދުނިޔޭގެ ސަމާލުކަން މި މެޗަށް ހުއްޓުނު ކަމެކެވެ.












