ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ހަބަރު އަޑުއެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ.
ޢާޞިފް ނިޔާވުމާ ގުޅިގެން ރައީސް ވަނީ މަރްހޫމްގެ އާއިލާއަށް ކެތްތެެރިކަން ދެއްވައި، މާތްﷲ ގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާކުރައްވައިފައެވެ.
https://twitter.com/MMuizzu/status/2064947994278179009/photo/1
މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ، މި ހާދިސާ ހިނގުމުގެ ކުރިން ޢާޞިފް ހުރީ ”ޕޮލިސް ލޯންޗް 57“ ގައި ޑިއުޓީގައި ކަމަށާއި ނަމަވެސް އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނީ މޫދު އަޑިން ނިޔާވެފައި އޮއްވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.














