މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު މާދަމާ ބޭއްވުމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި ދެ ބޭފުޅުން ވެސް ގެންދަވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ފޯރިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.
އިންތިހާބުގައި ވާދަކުރައްވާ މީކާއީލްގެ ކެމްޕޭން ރޭ ވަނީ މާލޭގައި ބޭއްވި ބޮޑު ޖަލްސާ އިން ނިންމާލައިފައެވެ. ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ނިންމާ ޖަލްސާ މިއަދުގެ ވަގުތެއްގައި ނިންމާލާނެ ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ރައީސް ނަޝީދަކީ އެމްޑީޕީގެ ޗެއަރޕާސަންކަން އަދި އެ ޕާޓީގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ފެކްޝަނަށް ނިސްބަތްވާ ޕާޓީގެ މެންބަރުން އަންނަނީ ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ. މި އިންތިހާބުގައި ޞާލިޙު ތާއީދުކުރައްވަނީ މީކާއިލަށެވެ.
ޞާލިހުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ބަސްމަގާއި އަމަލުތައް ހުންނަ ގޮތުން ޕާޓީތެރޭގައި ކުރިއަށްވުރެ އިތުރަށް ބައިބައިވުން ވަނީ އުފެދިފައެވެ. ޞާލިޙާއި މީކާއިލު ތަކުރާރުކޮށް ނަޝީދަށް އަމާޒުކޮށް ބަހުގެ ހަމަލާތައް އަމާޒުކުރި ނަމަވެސް، ނަޝީދު ގެންދަވަނީ އެ ވާހަކަތަކަށް ރައްދު ދެއްވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކަވަމުންނެވެ.
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން އަދި ވޯޓުލުން ހަވީރު 04:00 އާ ހަމައަށެވެ. މި އިންތިޚާބުގެ ނަތީޖާ މާދަމާ ރޭގެ ވަގުތެއްގައި އެ ޕާޓީން އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.













