ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އައްޔަނުކުރައްވައިފިއެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ރައީސަކަށް އަބަދުވެސް ހުންނަވާނީ އެލްޖީއޭގެ މަސައްކަތްތަކާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރެކެވެ. މީގެ ކުރިން އެލްޖީއޭގެ ރައީސްއެއްގެ ގޮތުގައި ހުންނެވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
ނަމަވެސް ލޯކަލް ގަވަރމަންޓް މިނިސްޓްރީ އުވާލުމާ ގުޅިގެން އެލްޖީއޭގެ މަސައްކަތްތަކާ ބެހޭގޮތުން ޖަވާބުދާރީވެ ވަޑައިގަތުމަށް ކަނޑައަޅުއްވާފައި ހުންނަވަނީ ފިނޭންސް މިނިސްޓަރެވެ. އެއާއެކު އެލްޖީއޭގެ ރައީސްގެ މަގާމުގައި މިހާތަނަށް ވެސް ހުންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު ޒަމީރު މަގާމުން އިސްތިއުފާ ދެއްވުމުން ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަ އެ ދުވަހު ޙަސަން ޒަރީރު ވަނީ އައްޔަނުކުރައްވައިފައެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން މީސް މީޑިއާގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޒަމީރުގެ ބަދަލުގައި އާ ފިނޭންސް މިނިސްޓަރު ޒަރީރު އެލްޖީއޭގެ ރައީސްއަށް ހަމަަޖައްސާފައިވާ ކަމަށެވެ. އެލްޖީއޭއިން ކޮށްފައިވާ އެ ޕޯސްޓުގައި ވަނީ ޒަރީރަށް މަރުހަބާ ކިޔައިފައެވެ.













