ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފްގެ މަގާމާ، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރ، ސީ.ސީ.، ސީ.އެމް.އެމް.، ސީ.އޯ.އެމް، ސީ.ޑީ.، ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެކަމަނާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، އެކަމަނާ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
އަދި އެކަމަނާގެ ގަވަރނަރ ޖެނެރަލްކަމުގެ ދައުރުގައި، ކެނެޑާއަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބި، އެ ގައުމުގެ އަގުހުރި އުސޫލުތައް ނެގެހެއްޓޭނެކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރއަށް ދުޅަހެޔޮ ސިއްހަތަކަށާއި އެކަމަނާއަށް ހެވާއި ލާބަޔަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.













