ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ބަދަލުތަކެއް ގެނެސްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފައި ވަނީ މީގެކުރިން ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް ދެމުން އައިސްފައި ވަނީ، މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށެވެ.
އަލަށް ގެނައި މި ބަދަލާ އެކު، ރަސްމީ ގަޑި ހަމަވުމުން އިތުރު ގަޑީގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ އިނާޔަތް ލިބޭނެ ކަމަށް ސީއެސްސީން ބުނެއެވެ. ސީއެސްސީން ބުނި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ސްޕެޝަލް ޑިއުޓީ އެލަވަންސާ ގުޅިގެން އޯޓީ ފައިސާ އުނިވާ ގޮތަށް އޮންނަ އޮތުމަކީ ވަޒީފާ އާ ބެހޭ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ފާހަގަކުރެވޭތީ ކަމުގައެވެ.
ސްޕެޝަލް ޑިއުޓީ އެލަވަންސަކީ އާ ޕޭ ސްޓްރަކްޗަރއަށް ބަދަލު ނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭ އެލަވަންސެކެވެ. ކުރިން މި އެލަވަންސް ލިބެމުން އައީ ވަކިވަކި މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަންޏެވެ. އެހެންނަމަވެސް، އާ ޕޭ ފްރޭމްވޯކަށް ބަދަލުނުވެ ތިބި ހުުރިހާ މުވައްޒަފުންނަށް މި އެލަވަންސް ދޭން ވެރިކަމުގެ ދައުރުގެ ފަހުކޮޅު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ.
މި އެލަވަންސް ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ލިބެމުންދެއެވެ.












