ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތަކަށް، ކުރީގެ އުސޫލުގެ ތެރެއިން އެ އެޖެންސީން ޖަވާބުދާރީވަމުންދާނެ ކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސްޕާގެ ޑިރެކްޓަރ ޖެނެރަލް ސުނީތާ ޢަބްދުﷲ ވިދާޅުވީ، އެންސްޕާއިން ދެމުންދިޔަ ވެލްފެއަރގެ ޚިދުމަތްތައް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ދަށަށް ބަދަލުވެގެން ދިޔަނަމަވެސް، މެއި 31 ގެ ނިޔަލަށް ލިބިފައި ހުރި ހުރިހާ އެޕްލިކޭޝަންތަކަކަށް އެންސްޕާއިން ޖަވާބުދާރީވަމުންދާނެ ކަމަށެވެ.
2008 ވަނަ އަހަރު އުފެއްދި އެންސްޕާއަކީ އެކި ގޮތްގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު މަސައްކަތްކުރާ އެއް އިދާރާއެވެ. ސަރުކާރުން މިހާރު ވަނީ ބޭސްފަރުވާއާއި ގުޅިގެން ދޭ ވެލްފެއަރގެ އެހީގެ ކަންކަން އާސަންދައަށް ބަދަލުކޮށްފައެވެ. ނަމަވެސް، ރެގިއުލޭޓަރީ ބޮޑީއެއްގެ ހައިސިއްޔަތުން އެންސްޕާއިން އެ ކަންކަން ބަލަމުންދާނެ ކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސުނީތާ ވިދާޅުވިއެވެ.
ވެލްފެއަރގެ މަސައްކަތްތައް އާސަންދައަށް ބަދަލުވި ނަމަވެސް، އެންސްޕާގެ ދަށުން ހިންގާ އެހެނިހެން އިޖުތިމާއީ އެހީގެ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އާސަންދައިން ބުނެއެވެ.
އޭގެ ތެރޭގައި:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން.
- އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ.
- މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީ.
- ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ އެހީ.
މި ބަދަލާ ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، މި ބަދަލުގެ ސަބަބުން ބޭސްފަރުވާގެ ހުރިހާ ކަމެއް ”އެއް ފުރާޅެއްގެ“ ދަށުން ލިބި، އާންމުންނަށް ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ. ކުރިން އާސަންދައާއި އެންސްޕާއިން ދޭ ޚިދުމަތްތައް އޮޅުންއަރާ ގޮތްވި ނަމަވެސް، މިހާރު ބޭސްފަރުވާއާ ގުޅޭ އެކި އާލާތްތަކާއި، ރާއްޖެއިން ބޭރަށް ފަރުވާއަށް ދިޔުމާއި މާލީ އެހީގެ ކަންކަން ކުރިއަށްދާނީ އާސަންދައިގެ ދަށުންނެވެ.
އެންސްޕާއިން އިތުރަށް ވިދާޅުވީ، ޚިދުމަތްތަކަށް މި އައި ބަދަލާއެކުވެސް އެހީއަށް އެދޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.













