އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނަރަލް މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގއާއި، ރިޝްވަތު ހިފުމުގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަތަކުގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 16:00 އަށެވެ. ޝަމްއާން ވަނީ މި ދައުވާތަކަށް ކޯޓުގައި އިންކާރު ވެސް ކޮށްފައެވެ.
މީގެ ކުރިން ހުސްވި މެއި މަހުގެ 21 ވަނަ ދުވަހު ވެސް ޝަމްއާންގެ މައްޗަށް ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލުކުރި ނަމަވެސް، އެ ފަހަރު ހުކުމް ކުރުން ފަސްކުރީ ޝަމްއާންގެ އެދުމުގެ މަތިންނެވެ. މިކަމަށް ޢިޝާރާތްކުރަމުން ޝަމްއާން އޭނާގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން އޮތީ 09 ޖޫން 2026 (މިއަދު) 1600 ގައި ކްރިމިނަލް ކޯޓުގެ ހުޅުމާލެ އެނެކްސް ބިލްޑިންގ ގައި ކަމަށާއ، ހުރިހާ ފަރާތްތަކުގެ ހެޔޮ ދުޢާ އަށް އެދޭ ކަމަށެވެ.
އަޅުގަނޑާއި ދެކޮޅަށް ދަޢުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން އޮތީ 09 ޖޫން 2026 (މިއަދު) 1600 ގަ ކްރިމިނަލް ކޯޓުގެ ހުޅުމާލެ އެނެކްސް ބިލްޑިންގ ގަ. ހުރިހާ ފަރާތްތަކުގެ ހެޔޮ ދުޢާ އަށް އެދެން. @Mihaarunews @viraasee @DhiyaresNews @AdhadhuMV @sunbrk @HKuruseeBackup…
— Mohamed Shamaan Waheed (@ShamaanW) June 8, 2026
ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500،000 ރުފިޔާ އަތުލިކަމުގެ ތުހުމަތުގައިކަން ފާހަގަކޮށްލަންޖެހެއެވެ. މި މައްސަލައާ ގުޅިގެން ޝަމްއާން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
އެފަހުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝަރުތުތަކަކާއެކު ޝަމްއާން ވަނީ ބަންދުން ދޫކޮށްލައިފައެވެ. އޭނާއާއި އެއްކޮޅަށް ގިނަ ބަޔަކު ހެކިބަސް ދީފައިވާއިރު އޭނާއާއި ދެކޮޅަށްވެސް މަދު މީހަކު ހެކިބަސް ދީފައިވެއެވެ.












