ޖޫން 9، 2026 – ޑިޖިޓަލް ޕްރައިވެސީއާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްތައް އިތުރަށް ހޫނުވެއްޖެއެވެ. އެންކްރިޕްޓެޑް މެސެޖިންގް ޕްލެޓްފޯމް ’ސިގްނަލް‘ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ ޑިވައިސްތަކުގައި ހުންނަ ކޮންޓެންޓްތައް މަޖުބޫރުން ސްކޭންކުރުމުގެ (އޮން ޑިވައިސް ކޮންޓެންޓު ސްކޭނިންގ) ސިޔާސަތާ ދެކޮޅަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިނގިރޭސި ކަމާބެހޭ ފަރާތްތަކުން މިކަން ސިފަކުރަނީ ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް ސިގްނަލްގެ ލީޑަޝިޕުން ބުނާގޮތުގައި، އުމުރު ކަށަވަރުކުރުމާއި، ކޮންޓެންޓްތައް ސްކޭންކުރުމުގެ މި ނިޒާމަކީ ރައްޔިތުންގެ ޒާތީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.
ސިގްނަލްގެ ކަންބޮޑުވުންތައް
ސިގްނަލްގެ ބަޔާނުގައިވާ ގޮތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކަކީ:
- – ޖާސޫސުކުރުމަކީ ރައްކާތެރިކަމެއް ނޫން: އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ ފޯނުތަކާއި ކޮމްޕިއުޓަރުތައް މަޖުބޫރުން ސްކޭންކުރުމުގެ (ޕްރޯއެކްޓިވް ކޮންޓެންޓު ސްކޭނިންގ) ނިންމުމާ ދެކޮޅަށް ސިގްނަލްއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ކުންފުނިން ބުނާގޮތުގައި މިއީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނަމުގައި މުޅި ޤައުމުގެ ރައްޔިތުންނަށް ފާރަލުމަށް (މާސް ސާވެއިލަންސް) ހިންގާ ނުރައްކާތެރި ޖަރީމާއެކެވެ.
- – މިނިވަންކަމަށް އޮތް ބިރު: ސިގްނަލްއިން އިންޒާރުދޭ ގޮތުގައި، މިއަދު ހަމައެކަނި ބަރަހަނާ މަންޒަރުތައް ހުއްޓުވަން ފަށާ މި ނިޒާމު، މާދަމާ ސިޔާސީ ޚިޔާލުފާޅުކުރުންތަކަށާއި، ސަރުކާރާ ދެކޮޅު ޚިޔާލުތަކަށް ފާރަލުމަށް ބޭނުންކުރާނެކަން ކަށަވަރެވެ.
- – ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރު: މި ޤާނޫނުގެ ސަބަބުން އެޕަލް، ގޫގުލް، އަދި މައިކްރޯސޮފްޓް ފަދަ ބޮޑެތި ކުންފުނިތަކަށް ރައްޔިތުންގެ ޒާތީ މަޢުލޫމާތުގެ މައްޗަށް އިންތިހާއަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.
- – ރައްކާތެރިކަމުގެ ހަޤީޤީ މަގު: ސިގްނަލްއިން ބުނަނީ ކުޑަކުދިން ރައްކާތެރިކުރުމަށް ބޭނުންވަނީ ރަނގަޅު ތަޢުލީމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ކަމަށާއި، މުޅި ޤައުމުގެ ފޯނުތަކަށް ސިއްރުން ވަދެ ފާރަލުން ނޫން ކަމަށެވެ.
މާހިރުންގެ ވިސްނުން
ސައިބަރ ސެކިއުރިޓީގެ މާހިރުން ބުނާގޮތުގައި، އިނގިރޭސިވިލާތުން މިފަދަ ފިޔަވަޅެއް އެޅުން ވެގެންދާނީ، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިފަދަ ނުރައްކާތެރި އުޞޫލުތައް ތަންފީޒުކުރުމަށް ދެވޭ ”ލައިސަންސަކަށެވެ“. އެއީ ރައްޔިތުންނަކީ އަބަދުވެސް ތުހުމަތުކުރެވޭ ބައެއްގެ ގޮތުގައި ބަލައި، ޑިޖިޓަލްކޮށް ފާރަލުމުގެ ޘަޤާފަތެއް އާލާވެދާނެ ކަމެކެވެ.
ދިވެހި ސަރުކާރުންވެސް މިފަދަ މޮޑެލަކަށް ދިއުމުގައި އޮތް ނުރައްކަލާއި ކަންބޮޑުވުން
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އޮސްޓްރޭލިއާގެ މޮޑެލް ބޭނުންކޮށްގެން ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ޒާތީ މިނިވަންކަމާއި ސައިބަރ ސެކިއުރިޓީގެ ގޮތުން ބޮޑެތި ނުރައްކާތަކެއް އޮތް ކަމެކެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ޒާތީ މައުލޫމާތުތައް މަރުކަޒީ ޑޭޓާބޭސްތަކަކަށް ހުށަހަޅަން މަޖުބޫރުވެ، އައިޑެންޓިޓީ ވަގަށް ނެގުމާއި ސަރުކާރުން ރައްޔިތުންނަށް ފާރަލުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. މީގެ އިތުރުން، މިފަދަ ނިޒާމުތައް ފަސޭހައިން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމާއި، ސަރުކާރާ ދެކޮޅު ޚިޔާލުތައް މޮނީޓަރ ކުރުމުގެ ހަތިޔާރަކަށް ވެގެންދިއުމުގެ ބިރު އޮތްކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ. ސިގްނަލް ފަދަ ޕްރައިވެސީ އެޑްވޮކޭޓުން ފާހަގަކުރާ ގޮތުގައި، ކުޑަކުދިން ރައްކާތެރިކުރުމަށް ބޭނުންވަނީ މިފަދަ ހަރުކަށި ފިޔަވަޅުތަކަށްވުރެ ބޮޑަށް ރަނގަޅު ތައުލީމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމުތަކެވެ.











