މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
“މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު، ސުޕަރ ސްޓްރަކްޗަރގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. މަޝްރޫއުގެ މަސައްކަތާއި އަލަށް އެކުލަވާލި މަސައްކަތާ އަޅާބަލާއިރު މިހާރު ޕްރޮގްރެސް ހުރީ 1.11 ޕަސެންޓް ކުރީގައި،” – ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު
ބްރިޖުގެ 35.53 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތުގެ ޕްރޮގްރެސް ހުރީ ޝެޑިއުލަށް ވުރެ ކުރީގައި ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތާ ބެހޭ ގޮތުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ޕައިލް ކެޕްގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ޕިއަރ ކޮލަމްންސްގެ 40 އިންސައްތަ ވަނީ ނިންމާފައެވެ. އަދި ސުޕަރ ސްޓްރަކްޗަރގެ ޕްރީ ކާސްޓް ސެގްމަންޓްތަކުގެ 24 އިންސައްތަ ވަނީ ކާސްޓްކޮށް ނިމިފައެވެ.
ތިލަމާލެ ބްރިޖުގެ މަޝްރޫއު މިހާރު ނިންމަން ހަމަޖެހިފައި ވަނީ:
- މާލޭން ގުޅީފަޅަށް – 2026 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހަށް
- ގުޅީފަޅުން ތިލަފުއްޓަށް – 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ އާއި ޖަރުމަނުގެ އިތުރުން އޮސްޓްރޭލިއާގެ މާހިރުން ބައިވެރިވެއެވެ.











