ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު، އިއްޔެގެ ވަގުތެއްގައި އެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މިއާއިއެކު ތަފާތު ވާހަކަތައް މީޑިއާގައި ދަރުވަމުން ދިޔައެވެ.
ޒަމީރު ވަކިކުރީ ރައީސް ކަމަށާއި، ޒަމީރު ވަކިކުރީ ނަތީޖާ ނުނެރެވުމުން ކަމަށާއި، އަދި ނިމިދިޔަ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ކެމްޕޭނާއި ގުޅިގެން ކަމަށް ފެތުރު އަޑު ތަކަކީ ޙަޤީޤަތެއްނޫންކަން ’އެކިއެމްވީ‘ އަށް މިވަނީ ކަށަވަރުވެފައެވެ.
އިތުބާރު ހުރި މަސްދަރުތަކުން ހާމަކުރެއްވި ޒަމީރުގެ އިސްތިއުފާ ސިޓީގައިވާ މަޢުލޫމާތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޒަމީރު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބަޔާންކުރައްވާފައިވަނީ، މަޤާމުން ވަކިވެވަޑައިގަންނަވަނީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބުތަކަކާހުރެ ”ހޮސްޕިޓަލައިޒްވާން“ ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންފައިވާ ކަމަށް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއްވެސް ކުރައްވާފައެވެ.
ޒަމީރުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއް ކަމަށްވެފައި، މިވަގުތު އޭނާގެ ޞިއްޙީ ޙާލަތު ހުރިގޮތުން އެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަޤީންކަން ޒަމީރު ވަނީ ދެއްވާފައެވެ.
ޒަމީރު އިސްތިއުފާ ދެއްވިއިރު، އޭނާއަކީ އިރާން ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ޗެއަރގެ މަޤާމުގެ އިތުރުން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމުވެސް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ދާދި ފަހުން ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާއިރު، އެ ބަދަލުތަކުގެ ތެރެއިން އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމުތަކަށާއި، މިނިސްޓަރު ފެންވަރުގެ އެހެނިހެން ސަރުކާރުގެ މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފައެވެ.













