ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރެ، އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައާއި އިނާޔަތްތައް ނަގައިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ރެކިގަންނަ މީހުންގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެއެވެ.
އެގޮތުން މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ ކެމްޕޭނު ހަރަކާތްތަކުގައި މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލަރު ޚަދީޖާ މުޙައްމަދު އިސްކޮށް ހަރަކާތްތެރިވެ އުޅޭ ވާހަކައެވެ.
މީހެއްގެ ކެމްޕޭނު ހަރަކާތްތަކުގައި މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ނަމަވެސް، މައްސަލައަކަށްވާ ހިސާބަކީ ރަސްމީ މަސައްކަތު ވަގުތުތަކުގައި އޮފީހަށް ހާޒިރު ނުވެ، އޮފީހުގެ އެއްވެސް މަސައްކަތެއް ނުކުރުމުގެ އިތުރުން ހައްގު ނޫން މުސާރަ ނަގައިގެން ކެމްޕޭނު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭތީއެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ކަމެއްގެ މައުލޫމާތު ސާފުކުރުމަށް މިހާތަނަށް ޚަދީޖާއަށް ފޯނުކުރުމުން ފޯނަށް ޖަވާބުދީފައިވަނީ މަދު ފަހަރެއްގައެވެ. އަދި މިއަދު ކައުންސިލުން މައްޗަންގޯޅިގައި ކުރިއަށް ގެންދެވުނު ޙަރަކާތުގައިވެސް ޙައްޖަ ބައިވެރިވެފައިނުވަނީ ރަސްމީ ވަގުތު މީކާއިލްގެ ކެމްޕޭނަށް އަތޮޅުތެރޭގެ ދަތުރުގައި އުޅޭތީކަމަށް ދާއިރާއިން ’އެކި‘ އަށް މަޢުލޫމާތުދިން ބޭފުޅުން ވިދާޅުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުން ވެސް އަންނަނީ މީކާއިލްގެ ކެމްޕޭނު ހަރަކާތްތަކުގައި ޚަދީޖާ ހަރަކާތްތެރިވެ އުޅޭތީ އެކަމަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ފާޑުކިޔުން ވަނީ ޚަދީޖާއަށް އަމާޒުވެފައެވެ.
އެމްޑީޕީގެ އާންމު މެންބަރުން ޚަދީޖާއަށް ފާޑުނުކިޔަންވީ އެއްވެސް ސަބަބެއް ނެތެވެ. ސަބަބަކީ މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުން އެ މަގާމަށް ޚަދީޖާ އިންތިހާބުކުރީ ވަރަށް ވެސް ފޮނި އުންމީދުތަކާއެކުގައި ކަމަށް ވާތީއެވެ. އެގޮތުން ކެމްޕޭނު ދުވަސްވަރު ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހަރަކާތްތަކުގައި ތަކުރާރުކޮށް އޭނާ ބުނަމުން ގެންދިޔައީ އަބަދު ވެސް ހުންނާނީ ރައްޔިތުންގެ ހިދުމަތުގައި ވަރުބަލި ކަމެއްނެތި ކަމަށެވެ.
ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި 24 ގަޑިއިރު މަސައްކަތްކުރާނެ ކަމަށް ވައުދުވެ، މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު ޚަދީޖާގެ އަމަލުތައް މިހާރު ފެނިގެންދަނީ އޭރު ދެއްކި ވާހަކަތަކާއި ދިމާ މުޅިން އިދިކޮޅަށެވެ. އެގޮތުން ރަސްމީ މަސައްކަތު ވަގުތުތަކުގައި އޮފީހަށް ހާޒިރުނުވެ، މީކާއިލުގެ ކެމްޕޭނުގައި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށަށް ގޮސް ބެޑްމިންޓަން ކުޅުމާއި، މާލޭގެ އެކި އަވަށްތަކުގައި ހިންގާ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެ ޑްރާމާ ކުޅުމުގައި ޚަދީޖާ އުޅެނީ އަވަދިނެތިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނަގައިގެން ސަރުކާރުގެ 2 އަންހެން އެކްޓިވިސްޓުން ދަތުރު ކުރަނީ ކަމަށްބުނެ އެންމެ ބޮޑަށް ފާޑުކިޔާ ފުރައްސާރަކޮށްހެދި ހައްޖަ ރައްޔިތުން އިންތިޚާބުކޮށް ޒިންމާތަކެއް މަތިކޮށްފައި ވަނިކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން މަހެއްގެ މައްޗަށް 32 ހާސް ރުފިޔާގެ މުސާރައެއް ނަގަމުން، މަގާމުގެ މަސްއޫލިއްޔަތު އަދާނުކޮށް އަތޮޅުތެރޭގެ ރަށްރަށަށް ހޮލިޑޭގައި ދަތުރު ހަދާފައި ގޮސްއުޅޭ އުސޫލުން މީކާއިލުގެ ކެމްޕޭނު ހަރަކާތްތަކުގައި ރަށްރަށަށް ގޮސް އުޅޭތީ މަގާމުން އަމިއްލައަށް އިސްތިއުފާދިނުމަށާއި، ކަން ކުރެވޭނެ ފަރާތަކަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.













