ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުޅުމާލެ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.
އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވުނު މި ފްލޫ ކްލިނިކަކީ ޙައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ފަސޭހައިން ފަރުވާ ދިނުމުގެ މަގުސަދުގައި ހުޅުވުނު ކްލިނިކެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ މައި ކައުންޓަރު ސަރަހައްދުގައި ހުޅުވާފައިވާ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށް ހިދުމަތް ލިބޭނެއެވެ.
އެޗްޕީއޭއިން ވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކުރާ ފަރާތްތަކުން މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.
ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، ހުންއައުން ނުވަތަ ކެއްސުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ހަމައެހެންމެ، ބަލިމީހުންނާ އެއްގެއެއްގައި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށި ފަރާތްތައް އުޅޭނަމަ، އެފަދަ މީހުންނާ ގައިގޯޅިވެ ނޫޅުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މި އަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް 1،000 މީހުން ގޮސްފައިވާއިރު އަޅުކަން ނިންމުމަށްފަހު ފުރަތަމަ ގްރޫޕް މިހާރު ވަނީ މާލެ އައިސްފައެވެ. ބާކީ ތިބި ފަރާތްތަކުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ އިތުރުން އަންނަ އަންގާރަ ދުވަހުއެވެ.













