މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ޖޫން 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމް ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙަސަން ވަޙީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި ޢާޞް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.













