Sunday, 26 July 2026

Ads by

ފިޗް ރޭޓިންގް ’AAA‘ ގެ ހުވަފެނާއި އިންތިޚާބުތަކާއި ދެމެދުގައި އޮތް ގުޅުން؟

އެކި ގްރެފިކްސް: ޙުސެއިން ފައުޒާން..

ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީތަކުން ރާއްޖޭގެ ސަވަރިން ރޭޓިންގް ނެރުމާއި އެކު، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި އިދިކޮޅު ފަރާތްތަކުން ’CCC-’ ރޭޓިންގްއަށް މަލާމާތްކޮށް، ސަރުކާރުން ރާއްޖެ އެންމެ މަތީ ’AAA‘ ދަރަޖަޔަށް ނުގެންދިޔައީ ކީއްވެތޯ ސުވާލު އުފައްދައެވެ.

ނަމަވެސް ކެމްޕެއިން ޕޯޑިއަމްތަކުގައި އެއްވެސް ސިޔާސީ ލީޑަރަކު ބުނަން ބޭނުންނުވާ ހިތި ހަގީގަތަކީ މިއީއެވެ. ރާއްޖެއަށް ’AAA‘ ރޭޓިންގްއެއް ލިބުމަކީ އިގްތިސާދީ ގޮތުން ވުމަށް ވުރެ ނުވުން ކައިރި، ހުވަފެނީ އުންމީދެކެވެ. އަދި ރާއްޖެއަށް ހާސިލްކުރެވެން އޮތް އެންމެ މަތީ ހަރުފަތަށް ނުދެވިގެން މިއުޅެނީ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ ސަބަބުންނެއް ނޫނެވެ. އޭގެ އަސްލު ސަބަބަކީ ދުރު ރާސްތާގެ އިގްތިސާދީ ޑިސިޕްލިންއަށް ހުރަސްއަޅާ، ހަލާކުވެފައިވާ އިންތިހާބީ ނިޒާމުގެ ވަބާއެވެ.

ފިޗް ރޭޓިންގ ’AAA‘ ގެ ހުވަފެނާއި ރާއްޖޭގެ އިގްތިސާދީ ސީލިންގް!

ފިޗްގޭ ’AAA‘ ރޭޓިންގް އަކީ ދުނިޔޭގެ މާލީ ދާއިރާގެ އެންމެ މަތީ ދަރަޖައެވެ. އެއީ ބިޔަ، އަދި އެތައް ގޮތަކުން އާމްދަނީ ހޯދާ އިގްތިސާދުތަކަށް (މެނުފެކްޗަރިންގް، ދުނިޔޭގެ ބޭންކިންގް ހަބްތައް، ބޮޑެތި ދަނޑުވެރިކަމުގެ އެކްސްޕޯޓްތައް އަދި ޓްރިލިއަނުން ހުންނަ ސަވަރިން ވެލްތު ފަންޑުތައް ހުންނަ ގައުމުތަކަށް) ހާއްސަ ދަރަޖައެކެވެ.

ރާއްޖޭގެ އޮނިގަނޑާއި ޖިއޮގްރަފީ އޮންނަ ގޮތުން، އެ ދަރަޖައަކީ ރާއްޖެއަށް ކުރިޔަށް އޮތް 100 އަހަރުވެސް ވާސިލްވެވޭނެ ހިސާބެއް ނޫނެވެ. ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ، އަދި އަސާސީ ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ކުޑަ ޖަޒީރާ ގައުމެކެވެ. ދައުލަތުގައި އެއްވެސް ދަރަންޏެއް ނެތް ނަމަވެސް، ދުނިޔެއަށް އަންނަ ކުއްލި ލޮޅުމަކުން (ޕެންޑެމިކް ނުވަތަ ބޮޑު ހަނގުރާމައަކުން) ރާއްޖޭގެ މުޅި އާމްދަނީ އެންމެ ދުވަހަކުން ހުސްވެދާނެއެވެ. މި ނާޒުކުކަމުގެ ސަބަބުން ރާއްޖެއަށް އެންމެ ރަނގަޅު ހާލަތެއްގައިވެސް ދެވެން އޮތް އެންމެ މަތީ ދަރަޖައަކީ ’BB‘ ކެޓަގަރީއެވެ.

ފިޗް ގެ ’BB‘ ރޭޓިންގްއަކަށް ދިއުމުގެ މާނައަކީ ދައުލަތުގެ ރިޒާވް ރަނގަޅުވުމާއި، ބަޖެޓް ޑެފިސިޓް ކުޑަވުމާއި، މާލީ ގޮތުން ފުރިހަމަ ޑިސިޕްލިންއެއް އޮތުމެވެ. އެކަމަކު އެ ހިސާބަށް ދިއުމަށްޓަކައި މެދުކެނޑުމެއްނެތި 5 އަހަރާއި 10 އަހަރާ ދެމެދުގައި ހަރުކަށި އިގްތިސާދީ އިސްލާހުތަކެއް ބޭނުންވެއެވެ. ދިވެހި ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ހުރަސް މިހާ ހިސާބުން ދިމާވެއެވެ. ސާފު ޖުމްލައަކުން ބުނާނަމަ ދިވެހި ރާއްޖެޔަށް ކައިރިކައިރިން އަންނަ އިންތިޚާބުތަކުގެ މުސީބާތް ޖެހެއެވެ.

ނިމުމެއްނެތް ކެމްޕެއިންގެ ވަބާ!

ކޮންމެ 12 ނުވަތަ 18 މަހަކުން ސިޔާސީ ގޮތުން މަރުފަލި ޖަހަންޖެހޭ ނިޒާމެއްގެ ތެރޭގައި 10 އަހަރުގެ އިގްތިސާދީ ޕްލޭނެއް ތަންފީޒެއް ނުކުރެވޭނެއެވެ.
ގިނަ ޕާޓީ އެކުލެވޭ ނިޒާމު ތައާރަފުވި ފަހުން ރާއްޖެ މިއޮތީ ނިމުމެއްނެތް އިންތިހާބުތަކުގެ ސަކަރާތެއްގެ ތެރޭގައެވެ. ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބާއި، ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާ ހެދި ގައުމު އަބަދުވެސް މިއޮންނަނީ ވޯޓެއްގެ ތެރޭގައެވެ.. މީގެ ސަބަބުން ބޮޑު ނުރައްކާތެރި އުނިކަމެއް އުފެދެއެވެ: ޤައުމު ހިންގުމުގެ މަސްއޫލިއްޔަތު ތަކާ ހަވާލުވާ ފަރާތްތަކަށް ހަމަޖެހިލައިގެން ވެރިކަމެއް ނުކުރެވެއެވެ؛ އެމީހުން އަބަދުވެސް ތިބެންޖެހެނީ ކެމްޕެއިން އެއްގެ ތެރޭގައި ރައްޔިތުން އެދޭ ކުދި ކުދި ކަންކަން ކޮށްދީ ވޯޓު އިތުރު ކުރުމުގައެވެ.

މި ނިޒާމުގެ ސަބަބުން ރައްޔިތުން އަބަދުވެސް ބޭނުންވަނީ ވަގުތުން ވަގުތަށް ލިބޭ މަންފާތަކަށެވެ. އަދި އިގްތިސާދީ ގޮތުން އަޅަންޖެހޭ ހިތި ފިޔަވަޅުތައް އަޅާ ކޮންމެ ލީޑަރަކަށް ރައްޔިތުންގެ ފަރާތުން އަދަބު ލިބެއެވެ. ސަބްސިޑީތައް ކުޑަކުރަން ނުވަތަ މަހުގެ އަގު އާދައިގެ ގޮތަކަށް ބަހައްޓަން ސަރުކާރަކުން މަސައްކަތް ކޮށްފިނަމަ، ދެން އަންނަ އިންތިހާބެއްގައި އިދިކޮޅުން އެކަމުގެ ފައިދާ ނަގައި ވޯޓު ކާމިޔާބުކުރެއެވެ. އެހެންކަމުން ވެރިކަމުގައި އޮންނަ ކޮންމެ ޕާޓީއަކަށްވެސް މަޖުބޫރުވަނީ މައްސަލަތައް ފަސްކޮށް، މިލިއަނުން ދަރަނި ނަގައި، ސަރުކާރު ކުންފުނިތަކުން (SOE) އެތައް ހާސް ބޭކާރު ވަޒީފާތަކެއް އުފައްދައިގެން ނަމަވެސް ކުރިއަށް އޮންނަ ވޯޓު ކާމިޔާބު ކުރުމަށެވެ. ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ޙަޤީޤަތުގައި މެދުކެނޑުމެއްނެތި ތާއަބަދު އޮންނަ ކެމްޕެއިނާއި ޖެހި ޖެހިގެން އަންނަ ގިނަ އިންތިޚާބުތަކެވެ.

ހާލަތު ބަދަލުކުރަން ލިބުނު ފުރުސަތުވެސް ރައްޔިތުން ދޫކޮށްލި

އިދިކޮޅު ފަރާތްތަކުން މިއަދު ދައްކާ ވާހަކަތަކުގައި ހުރި ދެފުށްކެހެރިކަން އެންމެ ބޮޑަށް ހާމަވަނީ މިހިސާބުންނެވެ. އެމީހުން ވެރިކަން ކުރީ ނިމުމެއްނެތް އިންތިހާބުތަކުގެ ހަލަބޮލިކަމުގެ ތެރޭގައެވެ. ސަބަބަކީ ދައުލަތުގެ ވަސީލަތްތައް ކެމްޕެއިން ފައިސާގެ ގޮތުގައި ބޭނުންކުރުމަށް އެ ނިޒާމު އެމީހުންނަށް ފުރުސަތު ދޭތީއެވެ. މަހަކަށްފައު މަހެއް ސަވައިވް ވުމަށް ވެރިންނަށް މަޖުބޫރުކުރުވާ އިންތިހާބީ ނިޒާމެއް އޮވެގެން ރާއްޖެއަށް ދުވަހަކުވެސް މާލީ ހަމަޖެހުމެއް ނުލިބޭނެކަން ރައީސް މުއިއްޒުގެ ސަރުކާރަށް ވިސްނުނެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެންނަން އޭޕްރީލް 4، 2026 ގައި މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ ހަމަ މި ސަބަބާ ހުރެއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ހަޑި ކަމަކީ އިދިކޮޅު ފަރާތްތަކުގެ ހިތްނުބައިކަމެވެ. އިންތިހާބުތައް އެއްކޮށްލުމާ ދެކޮޅަށް އެމީހުން ފެތުރި ބިރުވެރިކަމާއި އޮޅުވާލުންތަކުގެ މަޅީގައި ރައްޔިތުން ޖައްސައި، އޭޕްރީލް 4 ގެ ވޯޓު އެމީހުން ކާމިޔާބުކުރިއެވެ. ހިތާމައަކީ ގައުމުގެ މުސްތަގުބަލަށްވުރެ ޖާހިލުކަން މިއަދު އިސްވުމުންނެވެ. މީހުންނަށް ކަމުދިޔައީ ގައުމަށް ފައިދާހުރި ހިތި ހަގީގަތަށްވުރެ، އިދިކޮޅުން ވިއްކި ފޮނި ދޮގުތަކެވެ.

މިއީ މިއަދު އަހަރެމެން ޤަބޫލު ކުރަން ޖެހޭ ހިތި ޙަޤީޤަތެވެ. ނިމުމެއްނެތް ކެމްޕެއިންގެ ވަބާއަށް ދައުލަތުގެ މާލީ ސިޔާސަތު ކޮންޓްރޯލް ކުރަން ދޫކޮށްލައިގެން ތިބޭހާ ހިނދަކު އަހަރެމެންގެ ކްރެޑިޓް ރޭޓިންގް އޮންނާނީ އަޑީގައެވެ. ’CCC-’ އިން މައްޗަށް އަރައި، މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށް އޮތް ހަމައެކަނި ދޮރު އިދިކޮޅުން އެ ބަންދުކުރީ ރައްޔިތުން ލައްވައެވެ. ހަލާކުވެފައިވާ ނިޒާމު ދަމަހައްޓައިގެނެވެ. އަދި އޭގެ އެންމެ ބޮޑު އަގު މާދަމާ ދައްކަން ތިބީ ހަމަ ރައްޔިތުންނެވެ.

ހަލާކުކުރި މީހުންގެ މަލާމާތާއި، ސަލާމަތްކުރި މީހުންގެ ހިތްވަރު!

އިންތިހާބުތައް އެއްކޮށްލުމާ ދެކޮޅަށް އިދިކޮޅުން ފެތުރި ބިރުވެރިކަމާއި އޮޅުވާލުންތަކުގެ މަޅީގައި ރައްޔިތުން ޖައްސައި، އޭޕްރީލް 4 ގެ ވޯޓު އެމީހުން ކާމިޔާބުކުރިއެވެ. ހިތާމައަކީ ގައުމުގެ މުސްތަގުބަލަށްވުރެ ޖާހިލުކަން މިއަދު މޮޅުވުމެވެ. މީހުންނަށް ކަމުދިޔައީ ގައުމަށް ފައިދާހުރި ހިތި ހަގީގަތަށްވުރެ، އިދިކޮޅުން ވިއްކި ފޮނި ދޮގުތަކެވެ. އަހަރެމެން މިއަދު މިތިބީ ހަމަ އެ ނިމުމެއްނެތް އިންތިހާބުތަކުގެ ވަބާގައި ތާށިވެފައެވެ. ނަމަވެސް، ހަގީގީ ލީޑަރޝިޕް ފެންނަނީ މިފަދަ ދަތި ދަނޑިވަޅުތަކުގައެވެ. ގައުމު ދަރަނިވެރިކޮށް ފުނޑާލި މީހުން މިއަދު އެތިބީ، ރާއްޖެއަށް ’AAA‘ ރޭޓިންގް ނުލިބި ’CCC-’ ގައި އޮތީމަ ގައުމަށް މަލާމާތްކޮށް ހަޖޫޖަހާށެވެ. އެމީހުންގެ އަމަލަކީ ގައުމުގައި ހުޅު ޖަހުމަށްފައު ފިލާތިބެގެން، އަލިފާން ނިއްވަން ނުކުތް ބަޠަލުންނަށް ހަޖޫ ޖެހުން ކަހަލަ އަމަލެކެވެ.

އެހެންނަމަވެސް، އެ ފުރައްސާރައާއި މަލާމާތުގެ ތެރެއިންވެސް، އަދި ހަލާކުވެފައި އޮތް ސިޔާސީ ނިޒާމުގެ ތެރެއިންވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ކުރީ އެންމެ އުނދަގޫ، އެކަމަކު އެންމެ މުހިންމު ކަންތަކެވެ. ޙިކްމަތްތެރި ކަމާއި ކެތްތެރި ކަމާއި އެކު މަޑު މަޑުން ހުންނަވައި އިދިކޮޅުން ގޮވާހާ އެއްޗަކަށް ރައްދުވެސް ނުދީ، ދައުލަތް ބޭންކްރަޕްޓްވިޔަ ނުދީ، އެ ބޮޑު ދަރަނި ދައްކާލީ އިދިކޮޅު ފަރާތްތަކަށް ކަޅެއް ދޮނެއް އަންގާ ނުލައެވެ.

​މިއީ އަހަރެމެންނަށް އޮތް އެންމެ ބޮޑު އުންމީދެވެ. ސިޔާސީ ނިޒާމު ކިތަންމެ ހަރާބުވެފައި އޮތަސް، މިއަދު ގައުމުގެ ހުންގާނުގައި ތިބީ ސިޔާސީ ހޯބޯލެވުމަށްވުރެ ގައުމުގެ ސަލާމަތްކަން އިސްކުރާ ބައެކެވެ. ރަށުގައި ހުޅުޖެހި މީހުން ދުރުތިބެ މަލާމާތްކުރަން ތިއްބަސް، މިއަދުގެ ސަރުކާރު އެ އޮތީ ގައުމު އަލުން ބިނާކުރުމުގެ ބުރަ މަސައްކަތް ފަށާފައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް