ވޭތުވެދިޔަ ތިން ސަރުކާރުން ނަގާފައިވާ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަނި ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމު ސަލާމަތްކޮށްދެއްވައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ނަގާފައިވާ ބިޔަ ބޮޑު ދަރަނިތަކަކީ އެ ބޭފުޅުންނަށް ދެއްކޭނެ އެއްޗެއް ނޫންކަމަށް ހީކުރެވިފައި އޮތް ކަންކަމެވެ. ނަމަވެސް، މާތްﷲގެ ރަޙްމަތްފުޅާއެކު މި ސަރުކާރުން އެ ދަރަނިތައް ދައްކާ ޚަލާޞްކޮށް، އަންނަން އޮތް ޖީލުތަކަށް މި ޤައުމު ސަލާމަތްކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޤަޢުމާއި ހަވާލުވެވަޑައިގެންނެވިއިރު ސަލާމަތްނުވާނެފަދަ ނުބައި ހާލަތަކަށް ކުރީގެ ވެރިކަންކުރި ރައީސުން ގެންގޮސްފައި އޮތް ޤަޢުމެއް ދިވެހިރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވީތީ ރައީސް މުޢިއްޒުއަށް ފައްފަށުން މަރްހަބާއާއި ޝުކުރުދަންނަވަް.
އަޅުގަނޑު ހިތަށްއަރާ ކުރީގެ… pic.twitter.com/rUfnGlKaoP
— Ibrahim Falah (@IbrahimFalahR) June 4, 2026
ފަލާޙްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މުޅި ދިވެހި ރައްޔިތުން މި ބޮޑު ކާމިޔާބީއަށްޓަކައި ރައީސް މުޢިއްޒަށާއި މި ސަރުކާރަށް ޝުކުރު އަދާކުރަމުންދާ މި ދަނޑިވަޅުގައި، ކުރީގެ ތިން ރައީސުންވެސް ރައީސް މުޢިއްޒަށް ޝުކުރުގެ ބަހެއް ބުނެލާނެނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާ ކަމަށެވެ.
”ރައީސް މުޢިއްޒަކީ މި ޤައުމު އެދޭފަދަ ވަރުގަދަ ލީޑަރެއް. ސާބަސް ސާބަސް ސާބަސް ރައީސް މުޢިއްޒު،“ ރައީސަށް ތައުރީފު ކުރައްވަމުން ފަލާޙް ލިޔުއްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކާއެކު، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ފާހަގަކުރައްވަމުންނެވެ. މިގޮތުން، ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކޮށް، ޤައުމުގެ މާލީ އިސްތިޤްލާލު ހިފެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ގިނަ ބައެއްގެ ތާއީދު ދަނީ ލިބެމުންނެވެ.












