ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ޒާތީ ރުޅިވެރިކަމެއްގައި އުޅެންޖެހޭ ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މި މޭރުމުން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އޭނާއާ ގުޅުވައިގެން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އެމްޑީޕީ ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރައްވަން ނިންމެވުމާއެކު، ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމާއެކު ޞާލިޙުގެ ސަޕޯޓަރުން އަންނަނީ ރޮޒައިނާއަށް އަމާޒުކޮށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންނަށް ރައްދުދެއްވަމުން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، މީގެ ކުރިން ނަޝީދާ ދެކޮޅުވީ އެ ދުވަހު ޕާޓީ ރޫޅާލަން އުޅުއްވީމަ ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތު ބަދަލުވެއްޖެ ކަމަށާއި، ނަޝީދާ އެއްކޮޅަށް މިހާރު ހުންނެވީ ޕާޓީ ވަރުގަދަ ކުރައްވައި ”އެއްކޮށްލަން“ އުޅުއްވާތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މި ދައްކަނީ އެ ފަރާތްތަކަށް ފަހުވާން އުނދަގޫ ވާހަކަތަކެއްތޯ ވެސް ރޮޒައިނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
Edhuvahu roolhan ulhuvveema dhekolhu vee. Miadhu ekkuravvan nukunneveema ekkolhuvee.
Mee dhen understand vaan ehaa undhagoo kameh tho?Adhi maa varakah kureege holhigandu thah nerigen jahan jehey kamehtho?
Haalathu badhaluveema dhakkaa vaahaka badhalu vaane. Vaahaka meehun…
— 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 3, 2026
”ހާލަތު ބަދަލުވީމަ ދައްކާ ވާހަކަ ވެސް ބަދަލުވާނެ، ވާހަކަ މީހުން ބިނާކުރަނީ އެއިރެއްގައި ހިނގާ ކަންކަމުގެ މައްޗަށް، މިއީ ހެޑަށް އޮޅިފައި އޮތް ޓޭޕެއް ނޫން އެކައްޗެއް ކިޔަކިޔާ ހުންނާކަށް، ސިޔާސީ ދާއިރާގައި އުޅޭ މީހުންނަކީ ޒާތީ ރުޅިވެރިކަމެއްގައި އުޅެންޖެހޭ ބައެއް ނޫން، މި އުޅެނީ ހިތާވެގެން އުޅޭ މީހެއް ބޭވަފާތެރިވެގެނެއް ނޫން އެކަން ހިތު އަޅައިގެން ތާއުމުރު އުޅޭކަށް،“ – ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރިމަގަށް ވިސްނާ ބަޔަކު، މައާފަށް އެދުމަށްފަހު ކުރިއަށް ދިއުމަށް ފަސްޖެހިގެން ނުވާނެ ކަމަށާއި، އެ ޕާޓީއަށް މުސްތަގުބަލުގައި ކުރިއެރުން އޮތީ އެންމެން އެކީ އެކަތިގަނޑަކަށް ވެގެން ކަމަށެވެ. އަދި ނަޝީދާއި ޞާލިޙަކީ ވެސް ޕާޓީއަށް ވަރަށް މުހިއްމު ދެ ބޭފުޅުންކަން ރޮރައިނާ ވަނީ ފާހަގަކުރައްވައިފައެވެ.
”ރޫޅާލަން އުޅުނީމަ އެކަކަށް ވެސް ވީ މޮޅެއް ނެތް، ދެން ހިތުން ނުފިލައިގެން ހުއްޓިފައި ތިބެގެން ވެސް ވާން އޮތް މޮޅެއް ނެތް، ޒާތީ ނުވެ ޖަޒުބާތުގައި ނުޖެހި މި ޕާޓީގެ ކުރިމަގަށް ވިސްނާ،“ – ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ނަޝީދަށް ތާއީދުކުރައްވަން ނިންމެވީ، ޒާތީ ނުވެ ޖަޒުބާތުގައި ނުޖެހި މި ޕާޓީގެ ކުރިމަގަށް ވިސްނުމަށްފަހުގައެވެ. އަދި ޗެއަރޕާސަން ކަމަށް ނަޝީދު ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވި ދުވަހު، އިންތިހާބުގައި ވޯޓުދެއްވާނީ ނަޝީދަށް ކަމަށް ދެންނެވިން ކަމަށާއި އެއީ ކުއްލިއަކަށް ނިންމެވި ނިންމެވުމެއް ނޫން ކަމަށް ރޮޒައިނާ ވަނީ އިތުރަށް ވިދާޅުވެފައެވެ.
ނަޝީދަށް ތައުރީފްކުރައްވަމުން ރޮޒައިނާ މިހާރު ވާހަކަދެއްވި ނަމަވެސް މީގެ ކުރިން އޭނާއަކީ، ނަޝީދާ ދެކޮޅަށް، ޞާލިޙާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އެތަކެއް ޖަލްސާއެއްގައްޔާއި މީސް މީޑިއާގެ އެކި މަންސަތަކުގައި ވެސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކަށް ރޮޒައިނާ ވާނެއެވެ.













