ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މ. މުލަކުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މެކުހަށް ޖަހާލައިފިއެވެ.
މުލަކު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މި ވަގުތު ކުރިއަށްދަނީ އެ އިމާރާތުގެ ކޮލަމް ފުޓިންގ ކޮންކްރީޓް ކުރުމުގެ މަސައްކަތް ކަމަށް އާރްޑީސީން ވަނީ މައުލޫމާތު ދީފައެވެ.
މިއީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގެ މަގުތައް ތަރައްގީކުރުމާއި، ކަސްރަތުކުރުމަށް ބޭނުންވާ އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުމުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.












