އެމެރިކާއާއި އީރާނު ހަނގުރާމާއިގެ މަސްރަޙު ފިނިކޮށް އޮތުމަށްފަހު އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދެފަރާތުންވެސް ދީފިއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި މިއީ އެމެރިކާ-އީރާނު ހަނގުރާމާއިގެ ހަމަލާތަކުން ފާއިތުވެދިޔަ މަސްތަކުގައި ދީފައިވާ އެންމެ ވަރުގަދަ ހަމަލާތަކެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން އިޢުލާނުކޮށްފައިވާ ގޮތުގައި އެޤައުމުން ވަނީ އީރާނުގެ ޤިޝްމު ރަށުގައި ހުންނަ ގްރައުންޑު ކޮންޓްރޯލް ސްޓޭޝަނަކަށް އަމާޒުކޮށް ”އަމިއްލަ ދިފާއުގައި“ ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ ރޭ ”އެމެރިކާގެ ބޭސްތަކާއި އެސެޓުކަމަށް“ އަމާޒުކޮށް ކަމަށް ބުނެ ކުވައިތާއި ބަހްރޭނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
މިހަމަލާތަކުގެ އިތުރުން އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ހިޞޯރު ކުރިއަށް ގެންދިއުމަށް އެތަނުން ދަތުރުކުރި ބޯޓަކަށް ވައިގެހަމަލާއެއްވެސް ދީފައިވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ވަނީ އީރާނާއިއެކު މަޝްވަރާތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށް ދާކަމަށް ދާދިފަހުން ބުނެފައެވެ.












