ނަމާދު ވަގުތުތަކުގައި ކުޅިވަރުތައް މަޑުޖައްސާލުމަށް ގަވާއިދުތަކެއް ހަދަން ނިންމުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ނަމާދު ވަގުތު ޖެހުމުން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ކުޅިވަރުތައް މަޑުޖައްސާލުމަށް ގަވާއިދުތަކެއް ހެދުމުގެ އިތުރުން ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި ނަމާދުކުރެވޭނޭހެން ފެސިލިޓީތައް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ އިއްޔެ ހާމަކުރައްވައިފައެވެ. މިކަމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝެއިޚް ޒައިދު ވިދާޅުވީ، މިއީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ މުހިއްމު ކަމެއް ކަމަށެވެ.
ޝެއިޚް ޒައިދު ވިދާޅުވި ގޮތުގައި، ކޮންމެ ހޯމަ ދުވަހެއްގެ ރޭ އިޝާ ނަމާދު ނިމިގެން، ވިޔަފާރިވެރިންގެ މިސްކިތުގައި ޝެއިޚްގެ ދަރުސް އޮންނާތީ އަބަދު ވެސް ޢިޝާ ނަމާދަށް ދެވެނީ އަމީނީ މަގުން ކަމަށެވެ. ބައެއް ފަހަރު ސީދާ އިޝާ ނަމާދު ބަންގި ގޮވާ ވަގުތުގައި އަދި ބަންގި ގޮވައި ނިމުމާއެކު މިސްކިތަށް ދެވޭތަން އަންނަ ކަމަށާއި، އެހެންދާއިރު ބަންގިއާއި ނަމާދުގެ ހުރުމަތަށް ބެލުމެއް ނެތި ބައެއް ފަރާތްތަކުން އެކުވެނީގައި ކުޅިވަރުތަކުގައި މަސްއޫލުވެ ތިބޭތަން ފެންނަ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
”މިހެން ދާއިރު ބަންގިއާއި ނަމާދުގެ ހުރުމަތަށް އެއްވެސް ބަލާލުމެއްނެތި އެތައް ބަޔަކު ކުޅިވަރުތައް ކުޅެބާލާ ތަން ސްޓޭޑިއަމުން ދެކެން. ހިތަށް އެރި މިކަން ބަދަލުވާނީ ކޮން އިރަކުންބާއޭ. މިއަދު މި އިވުނީ ނަމާދު ގަޑިތަކަށް ކުޅިވަރުތައް ހުއްޓާގޮތް ހަދަން އުޅޭ ވާހަކަ. ވަރަށް އުފާވެއްޖެ،“ – ޝެއިޚް ޒައިދު ލިޔުއްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މި ނިންމެވުމާ ގުޅިގެން ޝެއިޚް ޒައިދުގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ވެސް އަންނަނީ އެކަމަށް ތައުރީފްކުރަމުންނެވެ. އޭގެ ތެރޭގައި އާންމުންގެ ގިނަ ބަޔަކު ވެސް ހިމެނެއެވެ. މި ނިންމެވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ދިވެހިންނަކީ ހުރިހާ މާނައެއްގައި ވެސް އަމަލީ ގޮތުން ވެސް އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ކުރާ ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ދައްކަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ވަގުތު ޖެހިގެން ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގަސްދުގައި ނޫން ނަމަވެސް ކަން ހިނގާ ގޮތަކީ އެއީ ކަމަށެވެ.













