އަދުގެ ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއެކު ކޮންމެ ކުއްޖެއްގެ މުސްތަގުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ބެލެނިވެރިންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވަނީ، އާއިލާތަކުގެ ބިންގާ ބިނާކޮށްދިނުމުގައި، ބެލެނިވެރިން، އެ މީހުންގެ މުޅި އުމުރުގައި ވަމުން އަންނަ މަތިވެރި ގުރުބާނީތަކާއި އެ ފަރާތްތަކުގެ އިހްލާސްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، އާއިލާއަކީ މުޖުތަމައުގެ ބިންގާ ކަމުގައި ދިވެހިންގެ ތެރޭގައި ދެކޭ ސަގާފަތް ދެމެހެއްޓުމަށްޓަކައި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ވުނަކުރުންތަކަކީ މުހިންމު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ދުވަހާ ގުޅޭ ޕޯސްޓެއް މީސްމީޑިއާގައި ހިއްސާކުރައްވައިފައެވެ. އެގޮތުން އެކަމަނާގެ ޕޯސްޓުގައި، ކުދިންގެ ދިރިއުޅުން ބިނާކުރުމުގައި ލޯތްބާއި، ކެތްތެރިކަމާއެކު ގުރުބާނީތައް ވަމުންދާ ހުރިހާ ބެލެނިވެރިންނާއެކު ސާބިތުކަމާއެކު ހުންނެވިކަން ވަނީ ހާމަކުރައްވައިފައެވެ.
މުޖުތަމައުތަކުގެ ހިތަކީ އާއިލީ ބަދަހި ގުޅުންކަމުގައި ސިފަކުރައްވަމުން އެކަމަނާ ވަނީ، ކޮންމެ ކުއްޖަކީ ވެސް އަޅާލުމާއި، ރައްކާތެރިކަމާއި، ފުރުސަތުތަކުން ފުރިގެންވާ މާހައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދިނުމުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ފުރުސަތުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.
ކުދިން ބަލައިބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.













