ތުރުކީ ވިލާތުގެ ހުޅަނގު ބިތުގައި ބަހެއް އެކްސިޑެންޓްވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މިއަދުގެ ވަގުތެއްގައި ދަތުރުވެރިން ގޮވައިގެން ދިޔަ ބަހެއް އެކްސިޑެންޓްވެ، އަލިފާން ރޯވުމުގެ ސަބަބުން އަށް މީހެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
މި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ތުރުކީ ވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވައިފައެވެ. މި ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ވަނީ މަރުވި މީހުންގެ އާއިލާތަކާއެކުގައި ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުއާކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ.













