ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ، މެއި މަހުގެ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކޮށް، މެއި މަހުގެ 19 ވަނަ ދުވަހު ރައީސް މުޢިއްޒު ތަސްދީގުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް މުޢިއްޒު މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެނައި ބަދަލުތަކާއެކު، މި ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ. އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްއެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.
އެހެން ކަމުން ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށްޓަކައި ރައީސް މުޢިއްޒު ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް މިރޭ އަނބުރާ ފޮނުއްވައިފައެވެ.














