ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުމަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ބާއްވާ ވަގުތު މިއަދު މެންދުރު 1:00 އަށް ފަސްކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރުމަށްފަހު މާދަމާގެ ވަގުތެއްގައި އެ ޖަލްސާ ބޭއްވުމަށް ވަނީ ނިންމައިފައެވެ. މަޖިލީހުގެ ޖަލްސާ ކެންސަލް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މަޖިލީހުން ބުނެދީފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް އޮތީ ހަމަޖައްސައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެ މަގާމުން ނާޒިމް އިސްތިއުފާދެއްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި އެ މަގާމުން އޭނާ ވަކިކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުގެ މަސައްކަތް ކުރުމަށް މިއަދުގެ ޖަލްސާއަށް ތާވަލުކުރިއިރު، އޭނާ ވަނީ މިއަދު އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ.
އެ މަގާމުން އޭނާ ވަކިކުރަން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އޭރު ނިންމީ، އަމިއްލައަށް އިސްތިއުފާ ދިނުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަން އެގޮތަށް ކުރުމަށް އިންކާރު ކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވައިފައެވެ.














