ރައްޔިތުންގެ މަޖިލީހުގެ އާ ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ މިއަދު މެންދުރުފަހު 13:00 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން ނާޒިމް އިސްތިއުފާދެއްވާފައި މިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި އެ މަގާމުން އޭނާ ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނިކޮށެވެ.
އެ މަގާމުން އޭނާ ވަކިކުރަން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން އޭރު ނިންމީ، އަމިއްލައަށް އިސްތިއުފާ ދިނުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަން އެގޮތަށް ކުރުމަށް އިންކާރު ކުރުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރުގައި ޕީއެންސީއަށް ނިސްބަތްވާ 73 މެންބަރަކު ވަނީ ސޮއިކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް އިސްތިއުފާދެއްވާފައިވާއިރު، އޭނާ ވަނީ މިކަމާ ގުޅޭގޮތުން ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެ ބަޔާނުގައި ނާޒިމް ވަނީ، މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައިވާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށާއި އެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނުވާ ކަމަަށް ވިދާޅުވެފައެވެ.
ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނާއި މެންބަރެއްގެ ހައިސިއްޔަތުން ވެސް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާކަމުގެ އެއްވެސް ޝަކުވާއެއް މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވާ ކަމަށެވެ. އޭނާ މަގާމުގެ ވާޖިބުތައް އަދާކުރައްވާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބެއް އަދާކުރުމަށް ހުރަސްއަޅާފައެއް ނުވާނެ،“ – ނާޒިމްގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރަން ހުށަހެޅި ސަބަބުތަކަކީ ހަގީގަތެއް ނޫން ކަމަށް ވިޔަސް، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އެފަދަ ހުށަހެޅުމެއް ހުށަހެޅުމުން، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ކުރެވިފައިވާ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުން ނާޒިމް ވިދާޅުވީ، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށާއި، ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށެވެ.














