ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގު ހަބަރުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މި މޭރުމުން ވިދާޅުވީ ”އަދަދު“ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން، މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ”އަދަދު“ ނޫހުން ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ދެ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދޭ 50،000 ރުފިޔާ މި މަހު ދީފައިވާ ކަމަށެވެ.
”އަދަދު“ ނޫހުން ޝާއިއުކޮށްފައިވާ އެ ހަބަރަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެންބަރުންނަށް ވެސް ލިބޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ އެކަނި ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނާ ގުޅޭގޮތުން ފަތުރަމުންދާ މިފަދަ ދޮގު ހަބަރުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ދޮގު ހަބަރު ފަތުރައިގެން އަދި ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ރޫޅާލެވޭނެ ކަމަށް ހީކުރުމަކީ ވަރަށް މޮޔަކަމެއް ކަމަށެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދު ވެސް މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، މީގެ ކުރިން ވެސް ”އަދަދު“ ނޫހުން ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރުންނަށް ފައިސާ ބަހާކަމުގެ ތުހުމަތުތަކެއްކޮށް ދޮގު ހަބަރު ޝާއިއުކޮށްފައެވެ. ނަމަވެސް، އެ މެންބަރުން ގެންދަވަނީ މިއީ ސަރުކާރު ބަދުނާމުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލުމަށް އެބައިމީހުން ކުރާ ކަމެއް ކަމަށް ވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.














