މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ގްރޫޕަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާ މަންޒަރެވެ. މި ހާދިސާ ހިނގާފައިވަނީ ކޮން އިރަކު ކަމެއް އަދި ސީދާ ކޮން ސަބަބަކާ ހުރެ ހިނގި ކަމެއް ކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައި ނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ރަސްމީކޮށް މައްސަލަ ހުށަނޭޅި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މާލޭގެ އާންމު ސަރަހައްދުތަކުގައި ހިންގާ މިފަދަ މާރާމާރީތަކާއި އަމާންކަން ގެއްލޭ ފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.














