ދިގު މުއްދަތަކަށް ދަޢުލަތަށާއި މުޖުތަމައަށް ޚިދުމަތް ކުރެއްވި، ފުވައްމުލައްސިޓީ ފުނާޑު، ރިޔާޒް (ހުސްނުހީނާގެ) އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ ޚިދުމަތްތެރި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވަކިވެދިއުމަކީ ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މަރުހޫމް ޢަބްދުލްޢަޒީޒް މުޙައްމަދުގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 1960 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އޭނާ އުނގަންނައިދެއްވި ކަމަށެވެ. މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ކުރެއްވި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް(ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއް. ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި، އައްޑޫ… pic.twitter.com/KGK36y00Zq
— Dr Mohamed Muizzu (@MMuizzu) May 30, 2026
ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމުން ރައީސް މުޢިއްޒު ވަނީ، މަރްޙޫމްގެ ފުރާނައަށް މާތްﷲގެ ރުއްސެވުމާއި ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.













