ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމާ ގުޅޭ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ނަމަވެސް މި ތުހުމަތުތަކުގެ އެއްވެސް ތަފްސީލެއް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަގާމުން ވަކިކުރަން ހުށަހެޅީ، އަމިއްލައަށް އިސްތިއުފާ ދޭން އެންގުމުން އެކަމަށް އިންކާރު ކުރުމުންނެވެ.
މަޖިލީހުގެ ނަައިބު ރައީސްކަމުން ނާޒިމް ވަކިކުރުމަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ 72 މެންބަރުން ސޮއިކޮށްފައިވާއިރު، މަގާމުން އޭނާ ވަކިކުރާ މައްސަލައިގައި ބާއްވާ ބައްދަލުވުމުގައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ. އެގޮތުން މި މައްސަލަ ފެށިގެން އައި ގޮތާއި، މައްސަލަ ގޯސްވީ ސަބަބު ވެސް މި ބައްދަލުވުމުގައި ސާފުވެގެންދާނެއެވެ.
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅުމުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ޖަލްސާގައި، އެ މައްސަލަ ކުރިއަށްގެންދަންޖެހޭނެއެވެ. އެހެންކަމުން، އަންނަ އާދިއްތަ ދުވަހު މި މައްސަލަ ކުރިއަށްގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގައި ބަހުސްކުރުމަށް މެންބަރުންނަށް 50 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމާފައިވާއިރު، ދިފާއުގައި ޖަވާބުދާރީވުމަށް ނާޒިމަށް ދިނުމަށް ނިންމާފައިވަނީ އެންމެ 10 މިނެޓުގެ ވަގުތު ކޮޅެކެވެ.














