ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހަށް ފަސްކުރުމާ ގުޅިގެން ރީރަޖިސްޓްރޭޝަނަށް ހުޅުވައިލަން އޮތް ދުވަސް އިލެކްޝަން ކޮމިޝަން (އީސީ) އިން އަވަސްކޮށްފިއެވެ.

21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ނިންމުމާ ގުޅިގެން ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލަން އެންމެ ފުރަތަމަ ނިންމީ މިމަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް އީސީން މިހާރު ވަނީ ރީރަޖިސްޓްރޭޝަން މި މަހުގެ 10 އަށް އަވަސްކޮށްފައެވެ. ސުންގަޑި ހަމަވާނީ މި މަހުގެ 16 އަށެވެ.
ރޯދަ މަހުގެ ދުވަހަކަށް އިންތިހާބު ދިމާވާތީ، ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 21 ގައި ވޯޓުލުން ކުރިޔަށް ގެންދިއުމަށެވެ.
އިންތިހާބު އެ ދުވަހަށް ފަސްކުރުމާއެކު އަލަށް 560 ފަރާތަކަށް 18 އަހަރު ފުރި ވޯޓުލުމުގެ ހައްގު ލިބޭނެއެވެ.