މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މުސާރަ ދޫކުރުމުގެ ހުރިހާ މަސައްކަތެއް މި މަހުގެ 28 އަދި 31 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މުސާރަ ދޫކުރުމުގެ ކަންކަން މިގޮތަށް ކުރިއަށްގެންދަން ނިންމީ، އަޟްޙާ ޢީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޢީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާއިރު، އޮފީސްތައް ދެން އަލުން ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހުގައެވެ. ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެކަންޏެވެ. މިނިސްޓްރީން ވަނީ މި ދެ ދުވަހު މުސާރަ އާއި އިނާޔަތްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، މުސާރަ ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.












